ސަޖިދައިގައި އޮންނައިރު ދެއަތް ބާއްވަންޖެހޭ ގޮތަކީ ކޮބާ؟

485FBE36-4EC2-4197-8776-425CA2F62471

ނަމާދުގެ އެންމެ މުހިންމު އެއް މަޙައްލު ކަމަށްވާ ސަޖިދައިގައި މީހުން ވާހިނދު ބައެއްމީހުން އެމީހުންގެ ދެއަތްވަރަށް ކައިރީގައި ގަޔާ ވިއްދައިފައި ބަހައްޓައެވެ. އަނެއްބަޔަކު ކުޑަކޮށް ގަޔާ ދުރުގައި އަތް ބަހައްޓާއިރު، ބައެއްމީހުން ވަރަށް ބޮޑަށް ފޭކޮށްފައިވެސް ބަހައްޓައެވެ.

މިގޮތްތަކުގެ ތެރެއިން އެފަރާތެއްގެ ނަމާދާ އެއްގޮތަށް ނަމާދުކުރަން އަހަރެމެންނަށް އަމުރު ކުރެވިފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަމާދާ އެންމެ ގާތީ ކޮން ގޮތެއްތޯއެވެ؟ މިއީ ބައެއްމީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޢިލްމެއް ނެތި އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ތިޔަ އަތް ބަހައްޓަނީ މުޅިން ނުބައިކޮށޭ ބުނެ ވާހަކަދެއްކުމުގެ ބަދަލުގައި މިމައްސަލައިގެ ތަފްޞީލަށް ގޮސްލަމާ ހިނގާށެވެ. ފުރަތަމަ ޞައްޙަ މަގުން ވާރިދުވެފައިވާ ދެޙަދީޘެއް ޛިކުރުކޮށްލާނަމެވެ.

وَعَنِ ابْنِ بُحَيْنَةَ - رضي الله عنه: أَنَّ النَّبِيَّ - صلى الله عليه وسلم - كَانَ إِذَا صَلَّى فَرَّجَ بَيْنَ يَدَيْهِ, حَتَّى يَبْدُوَ بَيَاضُ إِبِطَيْهِ. مُتَّفَقٌ عَلَيْهِ.(ޞަޙީޙް)

މާނަ: އިބްނު ބުޙައިނާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ނަމާދު ކުރަށްވާ ހިނދު އެކަލޭގެފާނުގެދެކިހިލިފަތުގެ ދޮންކަން ފެނިއްޖައުމަށް ދަންދެން ދެއަތް ފޭކުރައްވައެވެ.

(މިއީ އިމާމް ބުޚާރީ އާއި އިމާމް މުސްލިމް ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

وَعَنْ الْبَرَاءِ بْنِ عَازِبٍ -رَضِيَ اللَّهُ عَنْهُمَا- قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم: «إِذَا سَجَدْتَ فَضَعْ كَفَّيْكَ, وَارْفَعْ مِرْفَقَيْكَ» رَوَاهُ مُسْلِمٌ. (ޞަޙީޙް)

މާނަ: އަލްބައްރާ އިބްނު ޢާޒިބު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުން ސަޖިދަ ކުރާނަމަ، ތިޔަބައިމީހުންގެ ދެއަތްތިލަ (ބިންމަތީގައި) ބާއްވާށެވެ. އަދި ދެއުޅަބޮށި އުފުލާށެވެ."

(މިއީ އިމާމް މުސްލިމް ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

މި ދެ ޙަދީޘުން ވަރަށް ސާފުކޮށް އެނގޭފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަޖިދައިގައި ވާ ހިނދު އެކަލޭގެފާނުގެ ދެ އަތްދަނޑި ހަށިކޮޅާ ވީހާވެސްދުރުކޮށްފައި ބަހައްޓަވައެވެ. މިކަން އެނގިގެންދަނީ އެކަލޭގެފާނު ސަޖިދައިގައި އޮންނަވާ ހިނދު އަތްޕުޅު ބަހައްޓަވާ ގޮތުން، އަތް ރަނގަޅަށް ފޭކޮށްލީމާ ނޫނީ ނުފެނަ ހިސާބެއް ކަމަށްވާ ކިހިލިފަތް ފެންނާތީއެވެ. މި ހައިއަތުގެ ސަބަބުން ނަމާދުކުރާ މީހާގެކިބައިން ކަންނެތް ކަމާއި ވަޅޯކަން ފިލާކަމަށް ބައެއް ޢިލްމުވެރިން ޛިކުރު ކުރަށްވާފައިވެއެވެ.

ނަމަވެސް ނަމާދުގެ އެހެން ހުރިހާ ޙަރަކާތެކޭ ވެސް އެއްފަދައިން، ޖަމާޢަތުގައި ނަމާދު ކުރާހިނދު މި ސުންނަތުގައި ހިފުން ވަނީ ތިމާ ގާތުގައި ވާ އެހެން މީހުންނަށް އުނދަގޫ ނުވާނޭ ފަދައިންނެވެ. މާނައަކީ އެހެން މީހުންނަށް އުނދަގޫވާނޭހެން ދެއަތް މާ ބޮޑަށް ފޭކޮށްފައި ބެހެއްޓުމެއް ނުވެއެވެ. ސަބަބަކީ މިހާލަތުގައި ތިމާގެ މަޞްލަޙަތަށް ބެލުމަށްވުރެ، ފަސާދައިން ރައްކާތެރި ވުން މުހިންމެވެ. އެހެނީ ފިޤުހީ ޤާޢިދާއެއްގައި ވެއެވެ. ((درء المفاسد أولى من جلب المصالح)) މާނަ: "މަޞްލަޙާ ހޯދައިގަތުމަށްވުރެ ފަސާދަ ނައްތާލުން މާ އައުލާވެގެންވެއެވެ."

އަދި ދެވަނައަށް ޛިކުރު ކުރެވިފައިވާ ޙަދީޘުން އެނގޭ ގޮތުގައި ދެއަތްދަނޑިބިންމަތީގައި ބާއްވާފައި ބާއްވައިގެން ނުވާނެއެވެ. އެއީ އެކަލޭގެފާނު، އުޅަނބޮށިއުފުއްލެވުމަށް އަމުރު ކުރަށްވާފައި ވާތީއެވެ. އުފުއްލާފައި ބަހައްޓާނަމަ އަތްދަނޑި،ބިންމަތީގައި ބޭއްވިފައެއް ނުއޮންނާނެއެވެ. މިކަމަށް ޢިޝާރަތް ކުރަށްވާ އެހެންޙަދީޘެއްގައި ވެއެވެ.

عَنْ أَنَسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "اعْتَدِلُوا فِي السُّجُودِ وَلَا يَبْسُطْ أَحَدُكُمْ ذِرَاعَيْهِ انْبِسَاطَ الْكَلْبِ"

މާނަ: އަނަސް އިބްނު މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ސަޖިދާގައި ތިބޭއިރު މެދުމިނަކަށް ތިބޭށެވެ. އަދި ކުއްތާއެއް އޭގެ ދެއަތް ދަމައިގެން އޮންނަ ގޮތަށްތިޔަބައިމީހުންގެ ދެއަތްދަނޑި(ބިންމަތީގައި) ފަތުރާލައިގެން ނުބާއްވާށެވެ"

(މިއީ އިމާމް ބުޚާރީ އާއި އިމާމް މުސްލިމް ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

މިހާހިސާބުން އަނެއްކާވެސް އެހެން ސުވާލެއް އެބަ ހިތުގައި އުފެދެއެވެ. ސަޖިދައިގައި އަތް ބާއްވަން ޖެހެނީ ދެކޮނޑާ، އެއް މިނެއްގައިތޯ؟ ނުވަތަ ކަންފަތާ އެއް މިނެއްގައިތޯ؟ ނުވަތަ ނިތްކުރިއާ އެއް މިނެއްގައިތޯ؟

ޖަވާބު: މިތިން ގޮތްވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ޘާބިތުވެއެވެ. އެހެންކަމުން މީގެއިން ކޮންމެ ގޮތަކަށްވެސް ޢަމަލު ކުރެވިދާނެއެވެ. މިމައްސަލާގައި ދެނެގަންނަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ކުރެއްވީ އެންމެ ނަމާދެއް ނޫނެވެ. ނަމާދުގެ ބައެއް ޙަރަކާތްތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެހި ފަހަރު ފަހަރު އެކި ސިފައިގައި ކުރަށްވާފައި ވެއެވެ. ފަހެ މިކަމަށް ޢިލްމުވެރިންގެ އަރިހުގައި ޤާޢިދާއެއް ވެއެވެ. އެއީ ((العبادات الواردة على وجوه متنوعة, الأفضل أن يفعلها على جميع الوارد))

މާނަ: އެކި ވަޖުހުތަކުން (އެބަހީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން، ޞައްޙަ މަގުން އެކި ގޮތްގޮތަށް) ވާރިދުވެފައިވާ ޢަޅުކަންތައް ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ، ވާރިދު ވެފައިވާ ހުރިހާ ގޮތަކަށްވެސް ކުރުމެވެ.

މާނައަކީ އަބަދުވެސް މިތިންގޮތުގެ ތެރެއިން އެއްގޮތް ޚިޔާރުކޮށް އެގޮތަށް އަތްތިލަ ބޭއްވުމަށްވުރެ ރަނގަޅީ، އެކި ނަމާދު ތަކުގައި އެކި ގޮތް ގޮތް ޚިޔާރު ކުރުމެވެ. އެބަހީ ސުންނަތުން ޘާބިތުވަނީ އެކަލޭގެފާނު އެކި ފަހަރު ފަހަރު އެކި ގޮތް ގޮތަށް އަތް ބޭއްވި ކަމެވެ. އެހެންކަމުން، އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމް ނަމާދު ކުރެއްވި ފަދައިން ނަމާދު ކުރާ މީހާ އެކަލޭގެފާނުގެ މިސުންނަތުގައި ހިފުން އެއީ އެންމެ ރަނގަޅު ގޮތެވެ. އަދި އަހަރެމެން ނަމާދު ކުރަންވެސް ޖެހެނީ އެކަލޭގެފާނު ޞައްލަﷲ އަލައިހި ވަސައްލަމް ނަމާދު ކުރެއްވޮ ގޮތަށެވެ. އެކަލޭގެފާނުގެ ޙަދީޘް ފުޅެއްގައި ވެއެވެ. صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

މާނަ: "ތިމަންކަލޭގެފާނު ނަމާދު ކުރަށްވާތީ ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުންނަމާދު ކުރާށެވެ."

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *