ގާނޫނާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ، އެ ސިފައިން ރާއްޖެއިން ބާލަން ގޮވާލާ ޕެޓިޝަނެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ސޮއިކުރަން ފަށައިފި އެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް ލޯންޗުކުރުމަށް ރޭ މާލޭ ސިޓީގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވަނީ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލާފައެވެ. އެ ހަރަކާތުގެ ތެރެއިން މި ޕެޓިޝަންގައި ސޮއިކުރަންފަށާފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ވަނީ މި ޕެޓިޝަންގައި ސޮއި ކުރައްވާފައެވެ.
ޕެޓިޝަނުގައި ވަނީ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެފައެވެ.
އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި ގައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޕެޓިޝަނުގައި ވަނީ އެދިފައިއެވެ.
އިދިކޮޅުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ރޭ ކެމްޕޭނެއް ލޯންޗް ކުރިއިރު، އެ ކެމްޕޭނާ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ގުޅެން ވެސް ދައުވަތު ދިނެވެ. އެހެންނަމަވެސް އަދި ޕީޕީއެމް، ޕީއެންސީ ފިޔަވައި އިތުރު ޕާޓީއެއް އެކަމަށް އިޖާބަދީފައެއް ނުވެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!