އަވަށްޓެރި އިންޑިއާއިން ކަނޑު އުޅަނދު ޓްރެކިން ކުރުމަށް ބޭނުން ކުރަމުން އަންނަ ނިޒާމު (އެލް.އާރް.އައި.ޓީ) ރާއްޖެއިން ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައި އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ސޮއިކުރެއްވިއިރު، އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކަނޑު ދަތުރުފަތުރުގެ ދައިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމަނާފައިވެއެވެ. މީގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކާއި، މިދާއިރާއިން މީހުން ބިނާކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑުގެ ދަތުރު ކުރުމަށް އެކަށަހަޅާފައިވާ އުސޫލުތައް ތަންފީޒު ކުރުމަށް ފަސޭހަކަން ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ފާހަގަ ކުރައްވާފަވެއެވެ. މިގޮތުން ކަނޑު ދަތުރުފަތުރު ކުރުމުގައި ދިމާވާ މައްސަލަތައް މޮނީޓާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީއިން ފާހަގަ ކުރައްވައެވެ.
މި އެއްބަސްވުމުގެ ދަށުން ނެވިގޭޝަން ސޭފްޓީގެ ފެންވަރު މަތިކުރެވި، ކަނޑުގެ ވެށި ރައްކާތެރިކޮށް، ކަނޑުގެ ސަލާމަތްތެރިކަމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަ ކުރައްވާފަވެއެވެ.
މިނިޒާމުގެ ސަބަބުން ޝިޕިންގް ކުންފުނިތަކަށްވެސް ބޯޓު ފަހަރު ހަރަކާތްތެރިވާ ގޮތް އެނގިގެންދާނެ ކަމަށާއި، އަދި މިނިޒާމުގެ ތެރެއިން، ބޯޓުފަހަރު ފަރަށް އެރުން ފަދަ ހާދިސާތަށް ވަގުތުން އެނގިގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެފަވެއެވެ.
ދިވެހިރާއްޖެ އަކީ ކަނޑުދަތުރުފަތުރާބެހޭ ޖަމިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އެސޯސިއޭޝަން (އައި.އެމް.އޯ) މެންބަރެއް ވެސް މެއެވެ. ދިވެހިރާއްޖެއިން މިޖަމިއްޔާގެ މެމްބަރަކަށްވެފައިވަނީ 31 މެއި 1967 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!