ޑެންމާކުގެ ކުރެހުންތެރިއަކު 2 ކެންވަސް ކުރެހުމުގެ އަގެއްގެ ގޮތުގައި 84،000 އެމެރިކާ ޑޮލަރު ނެގުމަށްފަހު، ކުރެހުމުގެ ބަދަލުގައި ހުސް ދެ ކެންވަސް މިއުޒިއަމްއަށް ފޮނުވައިފިއެވެ.
ޑެންމާކުގެ މަޝްޙޫރު ކުރެހުންތެރިޔާ ޖެންސް ހާނިންގ މިއުޒިއަމްއަށް ފޮނުވި ދެ ކެންވަސްއާއި އެކު އޭނާ ވަނީ މިއުޒިއަމްއަށް ނޯޓެއް ފޮނުވާފައެވެ. މި ނޯޓްގައި ބުނަނީ " ޓޭކް ދަ މަނީ އެންޑް ރަން" އެވެ.
ޑެންމާކްގެ އާލްބޯރގްގައި ހުންނަ ކަންސްޓަން މިއުޒިއަމް އޮފް މޮޑާރން އާރޓްސްއިން ޖެންސްއަށް ފައިސާ ދީފައިވަނީ މޮޑާރން އާރޓްއެއް ކުރެހުމަށެވެ. ނަމަވެސް އެނާގެ މި އަމަލާއި މެދު މިއުޒިއަމްއިން މިވަނީ ވަރަށް ބޮޑަށް ހައިރާންވެ ސުވާލު އުފައްދާފައެވެ. މިކަން ވަނީ މިއުޒިއަމްއިން އެއްވެސް މިންގަނޑެއްގައި ބަލައިނުގަނެވޭނެ ކަމަކަށްވެފައެވެ.
މިއުޒިއަމް އިން މިހާ ބޮޑު ޚަރަދެއްކޮށް ޖެންސްއާއި ފައިސާ ހަވާލްކޮށްފައިވަނީ ވަރަށްވެސް ބޮޑު އުންމީދަކާއިއެކުގައެވެ. ނަމަވެސް ޖެންސް މިކުރި ކަމަކުން ހުރިހާ އެންމެނަށް ލިބިގެންދިއައީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ.
ޖެންސް ބުނާ ގޮތުންނަމަ މިއީ ވައްކަމެކޭ ނުބުނެވޭނެއެވެ. އަދި ހަމަ އެކަނި މައްސަލައަކީ އޭނާ މިއުޒިއަމްގެ ލާރި ނެގުންކަމަށް ބުނެފައިވެއެވެ. މިއުޒިއަމްއާއި އޭނާއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކެންވަސް އެވަނީ މިއުޒިއަމްއަށް ފޮނުވާފަކަމަށް ޖެންސްއާއި ހަވާލާދީ ޑެންމާކްގެ ޕަބްލިކް ބްރޯޑްކާސްޓިންގއިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ޖެންސް ބުނާ ވާހަކަތަކާއި މެދު މިއުޒިއަމްއިން އެއްވެސް ވަރަކަށް ހިތްހަމަޖެހިފައިނުވި ނަމަވެސް، މިއުޒިއަމްއިން ވަނީ ޖެންސް ފޮނުވާފައިވާ ހުސް ދެ ކެންވަސް މިއުޒިއަމްގައި ޑިސްޕްލޭކޮށްފައެވެ. އަދި މިއީ ބައެއްފަހަރު ކުރެހުންތެރިންނަށް މަސައްކަތްނުކުރެވޭ ހާލަތުތަކާއި ގުޅޭ ކުރެހުމެއްކަމަށް ބަޔާންކޮށް އެ ދެ ކެންވަސްވަނީ މިއުޒިއަމްގައި ދައްކާލާފައެވެ. އަދި ކެންވަސްގައި ޖަހާފައިވާ ނޯޓުގައި ބުނަނީ "ވޯރކް އިޓް އައުޓް"އެވެ.
ޖެންސްއަކީ ވަރަށް ތަފާތު ކުރެހުންތަކެއް ކުރަހައި މިއުޒިއަމްތަކުގައި އޭނާގެ ކުރެހުންތައް ދައްކަމުން އައިސްފައިވާ މީހެއްކަމަށްވެސް ޕަބްލިކް ބްރޯޑްކާސްޓިންގއިން ބުނެފައިވެއެވެ.
ޖެންސް ބުނާ ގޮތުންނަމަ އެ ފައިސާ އަކީ އޭނާ ކުރިން މިއުޒިއަމްއަށް ކުރަހަދީފައިވާ މަސައްކަތުގެ ލޯނުގެ ފައިސާކަމަށް ބަލައިފި ނަމަ، އޭނާ އެގްރިމެންޓްއާއި ޚިލާފްވެފައިވާކަމަށް ނުބުނެވޭނެކަމަށެވެ. ކުރިން އޭނާ މިއުޒިއަމްއަށް ކުރަހަދީފައިވަނީ ބޮޑު އެއް ކެންވަސް އަދި ކުޑަ ކެންވަސްއެއްގައިކަމަށް ބުނެފައިވެއެވެ.
މިއުޒިއަމް އިން ޖެންސްގެ ކުރެހުން ލާފައިވާ ފޮށިގަނޑު ހުޅުވުމުން އެމީހުންނަށް ލިބުނީ ހައިރާންކަމެކެވެ. އަދި އެންމެ ގާތަށް ހިނި އައިކަމަށްވެސް މިއުޒިއަމްގެ ސީ.އީ.އޯ ލަސޭ އެންޑަރސަން ވަނީ ބުނެފައެވެ. ޖެންސް އޭނާގެ ކުރެހުމަކަށް "ޓޭކް ދަ މަނީ އެންޑް ރަން" ދީފައިވި ނަމަވެސް ހުސް ދެ ކެންވަސް ފޮނުވަފާނެކަމަކަށް މިއުޒިއަމްއިން އުންމީދުކޮށްފައިނުވާކަމަށް ސީ.އީ.އޯ ބުނެފައިވެއެވެ. އަދި ފޮށިގަނޑު ހުޅުވުމުން އޭނާ ކައިރިއަށްވެސް އައި ހިނިކަމަށް ބުނެފައިވެއެވެ. ނަމަވެސް ޖެންސްގެ މި އަމަލުން، ކުރެހުންތެރިންފަދަ އާރޓިސްޓުންނަށް ފައިސާއަކީ މުހިއްމު އެއްޗެއްކަމާއި އެމީހުން ކުރާ މަސައްކަތަށް އެދެވޭ އުޖޫރައެއް ލިބެންޖެހޭކަން ދޭހަވާކަމަށް ސީ.އީ.އޯ ބުނެފައިވާކަމަށް މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
ޖެންސް ޕީ.ވަން މޯރގަން ރޭޑިއޯއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެވައިވަނީ، ކުރީގެ ކުރެހުމެއް މިއުޒިއަމްއަށް ފޮނުވުމަށް އޭނާ ބޭނުންވިކަމަށާއި، ނަމަވެސް ފަހުން ހިޔާލު ބަދަލުވެ މަސައްކަތެއް ނެތް މީހަކު އެއްވެސް އެއްޗެއް ނުކުރަހާނެކަން ދައްކައިދިނުމުގެ ގޮތުން ހުސް ކެންވަސް ފޮނުވުމަށް ނިންމީކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކުރެހުމެއް ތައްޔާރުކުރުމަށްވެސް އޭނާގެ އަތުން 2،900 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިއުޒިއަމްގެ ސީ.އީ.އޯ ހާމަކޮށްފައިވާ ގޮތުގައި ކުރެހުމަށް މިއުޒިއަމްއިން ދީފައިވާ ފައިސާގައި ކުރެހުން ތައްޔާރުކުރުމަށް ބޭނުންވާނެ ފައިސާގެ ގޮތުގައި 7،000 ޑޮލަރު ހިމަނާފައިވާނެކަމަށް ބުނެފައިވެއެވެ. އަދި މިއުޒިއަމްތަކަށް މިގޮތަށް ކުރަހާ އާޓިސްޓުންނަށް ސަރުކާރުންވެސް ޑެންމާކުގެ ފައިސާއިން 10،000 ކްރޯނާރސް ފީ އެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކަށް ދެމުން އަންނަކަން ސީ.އީ.އޯ ހާމަކޮށްފައިވެއެވެ.
އެގްރީމެންޓްއާއި އެއްގޮތަށް ކުރެހުމެއް ނުފޮނުވި ނަމަވެސް ކެންވަސް މިއުޒިއަމްއަށް ފޮނުވާފައިވާތީ އޭނާއާއި ދެކޮޅަށް ޤާނޫނީ ގޮތުން މައްސަލައެއް ހުށަހަޅާފައިނުވާކަމަށާއި، ނަމަވެސް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިއުޒިއަމް އާއި ފައިސާ ހަވާލުކުރުމަށް އޭނާއަށް މިއުޒިއަމްއިން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!