ސާފް ޗެމްޕިއަންޝިޕް 2021 ގައި ޤައުމީ ފުޓްބޯޅަ މޮޅުވާ ކޮންމެ މެޗަކަށް، ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅިވެފައިވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

ޤައުމީ ޓީމާ މުޚާތަބްކުރައްވައި ރައީސް ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަމުގައެވެ.

"ޤައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތް"

ރައީސް ގައުމީ ޓީމް އާއި މުހާތަބުކޮށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށްކަމުގައި ހާމަކުރައްވާފައެވެ. އަދި، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިން ތިބީ ޤައުމީޓީމާއެކު ތިން ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށް"

އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ޤައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.