ޔޫރަޕް ސަރަހައްދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޝްވަރާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ވިދާޅުވި ގޮތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްއާއި، ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)އަށާއި، ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރާއެކު އިއްޔެ ކުރިއަށް ދިޔަ ބައްދަލު ކޮށްލެއްވުމުގައި ޔޫރަޕްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާގުޅޭގޮތުން މަޝްވަރާކޮށްފަވެއެވެ.

Ad
rt

މިގޮތުން ޔޫރަޕް ސަރަހައްދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުންނާއި، ޚާއްޞަގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ޔޫރަޕްގައި ރާއްޖެ އިޝްތިހާރު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިނިސްޓްރީން އަންނަނީ އިންޑަސްޓްރީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށްޖަހައި، ރައްކާތެރި އެންމެ ހިތްގައިމު މާކެޓްގެ ގޮތުގައި ރާއްޖެ ދުނިޔެއަށް އިޝްތިހާރު ކުރުމަށެވެ.

މ ިއަހަރުގެ ފަތުރުވެރިންގެ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބުގައި ޓޫރިޒަމް މިނިސްޓަރު ވަނީ އެންމެ ލީޑިންގް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ ހިމެނިފައިވުމުން މިއީ ކޯވިޑް 19 ގެ ބަލިމަޑުކަމާއި އެކުވެސް ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވަފައެވެ. އަދި މިނިސްޓަރު ވަނީ މުޅި އިންޑަސްޓްރީއަށް ހިތްވަރުދެއްވައި، ޚާއްޞަކޮށް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް ފަހިގޮތްތައް ހޯއްދަވައިދެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕް ސަރަހައްދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޝްވަރާ ކުރިއިރު، ޔޫރަޕަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓެވެ.