މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ޖެހިގެން ރިޕޯރޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރު މަސް ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯރޓްކޮށްފައިވާކަމަށެވެ. މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 އިންސައްތަ އިތުރު އަދަދެކެވެ. އަރިދަފުސް ރޯގާގެ އިތުރުން، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯރޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާ އަށް ޕޮޒިޓިވް ވާ އަދަދުވެސް ގިނަވެފައިވާކަން ފާހަގަކުރެވޭކަމަށެވެ.

Ad
rt

"މި ގޮތުން ސެޕްޓެމްބަރު މަސް ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ A އަށް ޕޮސިޓިވްވެފައިވޭ"

އެޗްޕީއޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާފައިވެއެވެ.

ކޮވިޑް-19އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމުން، ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިއްމުކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • އަރިސަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯ.ޕީ.ޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން
  • އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން
  • އާއްމު ތަންތަނުގައި އަބަދުވެސް މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކް އަޅައިގެން އުޅުން. އަދި
  • އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައިވެސް މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ
  • އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅުން އަދި މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އޮފީސް އަދި ސްކޫލް ފަދަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން. އަދި ކޮވިޑް-19 އަށް ނެގެޓިވް ވީކަމުގައިވިޔަސް، ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ގޭގައި މަޑުކުރުން
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން، ޚާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ނުދިއުން
  • ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން، އިންފުލުއެންޒާ ވެކްސިން ޖެހުން އަދި ކޮވިޑް 19 ގެ ވެކްސިން ނުޖަހާނަމަ، ކޮވިޑް 19 ވެކްސިން ޖެހުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.