އަދާކުރާ ހިތްވާ ރަގަޅު އާމްދަނީ ލިބޭ ވަޒީފާތައް ދިވެހިންނަށް ފަހިކޮށް ދިނުމަކީ ލަނޑުދަޑިއެއްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ކުރާ ތަންތަނުގެ ވެރިންނަށް ދިވެހިން ހެދުމަށް މަސައްކަތްކުރާނެކަމަށާއި، ރަގަޅު އާމްދަނީ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިއުމަށް މަސައްކަތްތައްކުރަމުން އަންނަކަމަށެވެ.
މިއަހަރުގެ ފަތުރުވެރިންގެ ދުވަހުގެ ޝިއާރަކީ "ޓުއަރިޒަމް ފޯރ އިންކްލޫސިވް ގްރޯތް" ނުވަތަ "އެންމެން އެކުގައި ތަރައްޤީވުމަށް ފަތުރުވެރިކަން"އެވެ.
މި ޝިއާރާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތާއި ވަރަށް ބޮޑަށް ގުޅޭކަމަށާއި، އެއީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމުގެ އަސާސްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި، ފަތުރުވެރިކަމުގެ އެހެން ވިޔާފާރިތަކުގެ ވެރިންނަށް ދިވެހިން ހެދުމަށް މިނިސްޓްރީއިން މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ވަޒީފާތަކުގެ ވެރިންނަށްވެސް ދިވެހިން ހެދުމަށް މަސައްކަތްކުރާކަމަށާއި، ދިވެހިން އަދާކުރާ ހިތްވާ ރަގަޅު އާމްދަނީ ލިބޭ ވަޒީފާތައް ދިވެހިން ގެންދިއުމަކީ އެ މިނިސްޓްރީގެ ލަނޑުދަނޑިއެއްކަމަށް މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް "ވަން އައިލެންޑް ވަން ރިސޯރޓް" ކޮންސެޕްޓް ހިމާޔްތަކޮށް އަބަދުވެސް އެގޮތަށް ރާއްޖޭގެ ފަތުރުވެރިކަން ދެމި އޮންނާނެކަމަށް ވެސް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ 2022 ވަނަ އަހަރު އަންނަވާއިރަށް ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފްކުރަން ނިންމާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކުރުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަކަން ފާހަގަ ކުރައްވައި، 2020 ވަނަ އަހަރުގެ ޖުލައި މަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަނެއްކާވެސް ރާއްޖޭގެ ބޯޑަރު ހުޅުވުމުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތައް ލިބެމުން އަންނަ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ފިޔަވަޅަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ މަސް ފެށޭއިރު، ފަތުރުވެރިކަމަށް ދިމާވި ހީނަރުކަމުން އަރައިގަނެވެނެކަމުގެ ފުރިހަމަ އުންމީދުލިބިފައިވާކަމަށާއި، އަދި މިއަހަރު އެންމެ ބެސްޓް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯރޑްވެސް ރާއްޖެއަށް ލިބުނުކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވެކްސިން ތަޢާރަފްވުމާއި އެކު ފަތުރުވެރިކަން ރަގަޅު ވާނެކަމުގެ އުންމީދު އާވެގެންދިއަކަމަށް ވިދާޅުވިއެވެ.
ކޯވިޑް 19 އާއި ގުޅިގެން ފަތުރުވެރިކަމަށް ދިމާވި ހީނަރުކަމާއި އެކުވެސް، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 10 އިންސައްތައިގެ ކުރިއެރުން ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި 55،000 އެންދު އޮޕްރޭޓް ކުރެވޭއިރު، މީގެ ތެރެއިން 51،000 އެނދު އޮޕަރޭޓްކުރެވެމުން އަންނަކަމަށާއި މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ހާމަކުރެއްވިއެވެ.
ފާއިތުވި 1 އަހަރު ކޯވިޑް 19 ގެ ސަބަބުން އާއިލާތަކާ ބައްދަލުނުވެ، ރިސޯޓްތަކުގައި މަސައްކަތްކޮށްފައިވާ ހުރިހާ މުވައްޒަފުންނަށް އެ މުވައްޒަފުންވި ގުރުބާނީ ފާހަގަކޮށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރިސޯޓް އޯނަރުންނާއި މެނޭޖަރުންނަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބޮޑު ގުޅުމެއް އޮންނަކަން ފާހަގަކޮށް މިނިސްޓަރު ވަނީ، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނެޓް ޒީރޯ ފްރީ ޤައުމަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި މިނިސްޓްރީއިން އެއްބާރުލުންދެމުން އަންނަކަން ފާހަގަކުރައްވާފައެވެ.
އަންނަ 2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމަށާއި، 50 އަހަރު ފުރުން އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަކުރެވިގެންދާނެކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނީ މިވައްޒަފުންގެ އެއްބާރުލުން ލިބިގެންކަމަށާއި އަދި ހުރިހާ މުވައްޒަފުންވެސް ހިނިތުންވެލައިގެން ހިތްހަމަޖެހިގެން މަސައްކަތްކުރުމަށް މިނިސްޓަރު އިލްތިމާސް ކުރައްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!