ކޮވިޑް19 އާއި ގުލިގެން ހުއްޓައިލެވުނު އެލަވަންސެއް އަލުން ދޭން ފަށާއިރު އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަކަމަށް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީގެ ވެލިދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީޤް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުއާއި ކުރައްވާފައިވާ ސުވާލަކަށް ލިއުމުން ދެއްވި ޖަވާބެއްގަ އެވެ.

Ad
rt

މަޖިލީހަށް ފޮނުއްވި ސިޓީގައި އަމީރު ވިދާޅުވެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ގެއްލިގެން ދިޔަ އާމްދަނީ އަކީ މުސްތަގުބަލުގައި ވެސް ދައުލަތަށް ލިބޭނެ އާމްދަނީއެއް ނޫން ކަމުން، ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދާއި އާމްދަނީ ބެހެއްޓުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ހުއްޓައިލެވުނު އެލަވަންސެއް އަލުން ދޭން ފަށާއިރު އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމުގައި ދަންނަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ، އަދި ރާއްޖޭގެ އިގްތިޞޯދުގެ ތިންބައިކުޅަ އެއްބައި ފުހެވިގެން ދިޔަކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލުނުއިރު، ސިވިލް ސަރވިސް މުވައްޒަފުން މަދުނުކޮށް އަދި މުސާރަ އުނިކޮށް ހިފެހެއްޓިފައިވުމަކީ ދައުލަތަށް ލިބުނު ކާމިޔާބީއެއްކަމުގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިނުން ހުއްޓާލި އެލަވަންސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކްޓް އެލަވަންސްއާއި ޕާފޯމެންސް އެލެވެންސްއެވެ. އެގޮތުން ހުއްޓާލެވުނު ސެޓްފިކްޓް އެލެވެންސް މިހާރުވަނީ ދޭންފަށާފައެވެ. ނަމަވެސް ޕާފޯމެންސް އެލަވެންސް ދޭން ފެށޭނީ ދަޢުލަތުގެ އާމްދަނީއަށް ހީނަރުކަން ފިލައިގެން ދިއުމުންކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑުގައި އިގުތިޞޯދަށް ލިބުނު ގެއްލުންތަކާއި އެކުގައިވެސް ސިއްޙީ ދާއިރާއަށް ކުރަންޖެހުނު ޚަރަދުތައް އިތުރުވުމާއި އެކު ދަޢުލަތުގެ ދަރަނި ބޮޑުވެފައިވާކަމަށާއި، އެގޮތުން އިތުރުވި ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް އަނބުރާ ގެންދިއުމަށް އަދިވެސް ޚަރަދުތައް ކުޑަކުރަންޖެހޭކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

އަދި އައު ކަންކަމަށް ޚަރަދުކުރަން ނިންމާއިރު، ކަންކަން ޕްރަޔޮޓައިޒްކޮށް ޚަރަދުތައް ބަހާލައިގެން ކުރިއަށް ގެންދަންޖެހޭކަމަށް މިނިސްޓަރގެ ސިޓީގައި ހާމަކޮށް، ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް އިޤުތިޞޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މަޖިލީހުން އެއްބާރުލުން ލިބޭނެކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.