ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު އާދަމް އިންތިޚާބު ވެއްޖެއެވެ.
މި އިންތިޚާބުގައި ފިނޭއަށް ނިސްބަތްވާ ޝާހިދުއާއި ވާދަކުރެއްވީ ހަނިމާދޫއަށް ނިސްބަތްވާ އައްބާސް މުހައްމަދެވެ. އައްބާސްގެ މައްޗަށް ޝާހިދު ކުރި ހޯދީ 18 ވޯޓުގެ ތަފާތަކުންނެވެ.
މިގޮތުން ޝާހިދުއަށް 195 ވޯޓު ލިބުނުއިރު އައްބާސްއަށް ލިބުނީ 177 ވޯޓެވެ. ދާއިރާގެ 4 ރަށުގެ ތެރެއިން 3 ރަށަކުން ޝާހިދު ކުރި ހޯދިއެވެ. އެއީ ފިނޭ، ނައިވާދޫ އަދި ހިރަމަރަދޫންނެވެ. ހަނިމާދޫން ކުރި ހޯދީ އައްބާސްއެވެ. މާލެއިން ދެ ކެނޑިޑޭޓުން ވަނީ ހަމަހަމަ ވެފައެވެ.
ހަނިމާދޫ ދާއިރާގެ ރައީސްކަން ކާމިޔާބުކުރި ޝާހިދުއަކީ މިހާރު އެ ދާއިރާގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު ހަނިމާދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. މިފަހަރުގެ އިންތިޚާބުގައި އާދިލް ވާދަކުރެއްވީ ދަނގެތީ ދާއިރާގެ ރައީސް ކަމަށެވެ.
މިއިންތިޚާބުގައި ހަނިމާދޫ ދާއިރާގެ ނައިބު ރައީސްކަމަށް ކުރިމަތިލީ އެންމެ ފަރާތެކެވެ. އެއީ ހަނިމާދޫއަށް ނިސްބަތްވާ އަލީ އިބްރާޙީމްއެވެ. އިތުރު ކެނޑިޑޭޓަކު އެ މަގާމަށް ވާދަނުކުރުމުން އޭނާ ވަނީ އިންތިޚާބަކާނުލާ މަގާމަށް އިންތިޚާބުވެފައެވެ.
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށް ވަރަށް ފޯރީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!