ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ށ. ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފޭދޫގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރު ވަނީ އެރަށަށް މިވަގުން މިވަގުތައް ބޭނުންވެފައިވާ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންގެ ދަތިކަމާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އާއި އަދި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ފެރީގެ ނިޒާމުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ފުލުހުންގެ ޚިދުމަތްފަދަ ރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތަކާއި ރަށުގެ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންތައްތައް ވެސް ކައުންސިލަރުން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ކަންކަން ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ރަށުގައި މިހާރުވެސް ހުރި ވަޞީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގައި ހުންނަ ކްލަބް ޖަމުޢިއްޔާތައްފަދަ ފަރާތްތަކާ ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި އަދި މަޝްރޫޢުތަކުގެ މަސައްކަތްކުރިޔަށްދާ ސްޕީޑް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!