ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު މޮނިޓަރކުރަމުން އަންނަކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްރަށަށް ފެންބޮޑުވި ނަމަވެސް ބޮޑު ހާދިސާއެއް އެއްވެސް ރަށެއްގައި ހިނގިކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށް އެއޮތޯރިޓީއިން ހާމަކޮށްފައިވެއެވެ.

Ad
rt

ހުޅަނގު މޫސުމުގެ ވައި ގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވައި ގަދަވެ ވިއްސާރަވަމުންކަމަށާއި، މިވިއްސާ ކުރިއަށް އޮތް 24 ގަިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި، އަދި ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުންނާއި ހައިވޭ އަދި ބްރިޖްގައި ދަތުރުކުރާއިރު، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެއާއި ދުރުން ބޭ އޮފް ބެންގާލްގެ ހުޅަނގުއުތުރުގައި ވަނީ "ގުލާބު"ގެ ނަންދީފައިވާ ތޫފާނެއް އުފެދިފައިކަމަށާއި، ތޫފާން "ގުލާބު" ހުޅަނގަށް ދަތުރުކޮށް މިރޭގެ ވަގުތެއްގައި އިންޑިއާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ދަތުރުކުރާ ފަރާތްތަކުން ދަތުރަށްފުރުމުގެ ކުރިން އުޅަނދުގައި ލައިފްޖެކެޓްފަދަ ސަލާމަތީ ރައްކާތެރިކަމަށް ބޭނުންވާނެ އެންމެހައި ތަކެތި ޗެކްކޮށް، ކުދި އުޅަނދުފަހަރުތަކުގައި ޚާއްސަކޮށް ރޭގަނޑު ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑި.އެފްއިން އިލްތިމާސްކޮފައިވާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ނ އަތޮޅުން ފެށިގެން ދ އަތޮޅަށް މިއަދު އޮރެންޖް ވެސް އިންޒާރުދީފައެވެ.