މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހުމަދުގެ މައްޗަށް ކުރާ މުޅި ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އޭނާގެ ޝަރީއަތް ސިއްރުކުރަން ކޯޓުން ނިންމީ އެ މައްސަލާގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ބޭރުވެދާނެ ކަމުގެ ފުރުސަތު އޮތުމާއި އެކު ޝަރީއަތް ސިއްރުކޮށްދިނުމަށް އަދުހަމް އެދިގެން ކަމަށެވެ. އަދުހަމްގެ ޝަރީއަތް ސިއްރުކުރަން ނިންމި ނަމަވެސް އޭނާއަށް ހުކުމް އިއްވާ މަޖިލިސް ސިއްރުކުރުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން ބުނެއެވެ.

Ad
rt

އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ ވަނީ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމްކޮށް އެ އެއްބަސްވުމުގެ ދަށުން އަންގާރަ ދުވަހު ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފައެވެ.

އަދުހަމާއެކު އެއްބަސްވެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އެއްބަސްވެ 20 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށަށް ވެސް އިއުތިރާފް ވެ 3 އަހަރުގެ ޖަލު ހުކުމަކަށެވެ. ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނަ އިރު އޭނާ އިއުތިރާފް ނުވާ ނަމަ އޭނާގެ މައްޗަށް 37 އަހަރުފގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދުހަމްގެ އިތުރުން މި މައްސަލާގައި ދައުވާ އުފުލާފައިވާ އިސްހާގު ވެސް ޝަރީއަތް ސިއްރުކުރުމަށް އެދިފައިވާއިރު، ތަހުމީން އަދި މުޖާޒް ވަނީ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ހައިޝަމް އަށް ވަކީލަކު އައްޔަން ކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

މި ހަތަރު މީހުންގެ އިތުރުން މި މައްސަލާގައި ފަހުމީ އަލީ އަހުމަދު ނާޒިމް ގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ ދެމީހުންގެ ޝަރީއަތް އަދި ނުފަށައެވެ.