ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ދިނުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ކުރާ މަސައްކަތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ޖަމިއްޔާއާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އާއި ދެމެދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓީމްއިން ބުނީ މި އެއްބަސްވުމަކީ މަސައްކަތްތެރިންގެ ހައްގުތަށް ހޯދުމުގައި ދިމާވާ އެކިއެކި މައްސަލަތަކުގައި މަސައްކަތްތެރިންނަށް ޤާނޫނީ ލަފަޔާއި އެހީފޯރުކޮށްދިނުމުގައި އެކީގައި މަސައްކަތްކުރުމަށް ޕީއައިއެލްސީ އާއި އެ ޖަމިއްޔާއާއި ދެމެދު ވެވުނު އެއްބަސް ވުމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ" ޓީމުން ބުންޏެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ޕީއައިއެލްސީއިން ބުނީ މި އެއްބަސްވުމާއެކު ޓީމްއާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން މަސައްކަތްތެރިންނަށް އެކަމުގެ ފައިދާ ލިއްބައިދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ޕީއައިއެލްސީއިން ބުނެފަވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ދިނުމަށް ޓީމްއާއި، ޕީއައިއެލްސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިގެން ގޮސްފައިވާއިރު ޕީއައިއެލްސީއަކީ ރާއްޖޭގެ މަސައްކަތްތެރިންނަށް ހައްގު ހޯދައިދިނުމަށް މީގެކުރީން ވެސް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ލޯ ފާމެކެވެ.
މީގެއިތުރުން ޓީމްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ދިމާވާ ވަޒީފާއާއިގުޅޭ މައްސަލަތަކާއި، އަދި މިނޫންވެސް މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކުރުންތައްފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭ މަދަދުގާރެކެވެ.
ރިސޯޓު މަސައްކަތްތެރިންގެ މައްސަލަތަކުގައި ޓީމުން އަންނަނީ ކޯޓުތަކުގައާއި، ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގައި ވެސް މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް ބުރަ މަސައްކަތެއް ކުރަމުންކަން ފާހަގަކޮށްލެވެ. އަދި ޓީމްގެ މަދަދާއެކު އެފަދަ މައްސަލަތައް ކުރިމަތިވާ މަސައްކަތްތެރީންނަށް ގިނަ ކޭސްތަކެއް ކާމިޔާބު ވެސްވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!