ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ.
ނޮޅިވަރަމް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެނެސްފައި މިވަނީ އެރަށް އެ ހާލަތުގައި އޮންނަތާ 28 ދުވަސްފަހުންނެވެ.
ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާކަން އެރަށަށް އަންގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ "ތިލަދުން" ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
މުސްތަފާ ވިދާޅުވިގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނެސްފައިވާކަން އެންގީ މިރެއެވެ.
ރަށް މޮނިޓަރިންއިން ނެގި ނަމަވެސް ބަލިން ރައްކާތެރިވެތިބުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ހުރިހާ ރައްޔިތުންނަށް ނޮޅިވަރަމް ކައުންސިލުން އިލްތިމާސްކުރައްވައެވެ. މިގޮތުން އަބަދުވެސް މާސްކު އަޅައިގެން އުޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށާއި އަދި ވީހާވެސް ގިނަ ވަގުތު ގޭގައި މަޑުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން ނޮޅިވަރަމް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން މިސްކިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައެއް ބޭނުންކުރުމަށާއި، އަދި
ވިޔަފާރިކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިވަގުތު ވަރަށް މުހިއްމުކަމެއް ކަމަށް އެ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން އެރަށުން 274 މީހަކު ޕޮޒިޓިވްވިއެވެ. އަދި އޭގެތެރެއިން އިތުރުފަރުވާއަށް މާލެ ފޮނުވި މީހަކު ވަނީ ނިޔާވެފައެވެ. އެމީހާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 17 ވަނަ ދުވަހުއެވެ. އެއީ 87 އަހަރުގެ ފިރެހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!