ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް އެމަނިކުފާނު އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އ.ދ. ގެ މައި އިދާރާގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ޚާއްޞަގޮތެއްގައި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް ހިންގާފައި ވާތީ އެކަން ޞާލިޙް ފާހަގަކުރައްވާފަ ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރައްވާފަވެއެވެ.
އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ ބަހުސްތައް ކުރިއަށްދިޔަގޮތަށް ރިޢާޔަތް ކުރާއިރު އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދައުރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ޢާންމު މަޖިލީހުގެ އެޖެންޑާގެ އެންމެ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ ކަމެއްކަމުގައި ޤަބޫލުކުރައްވާ ކަމުގައިވެސް ކުވޭތުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދޭތެރޭގައި ފަތުވެރިވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގަޔާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޞުލްޙައާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އަދި ވިލުންތެރިކަން އިތުރުކުރުމަށް އ.ދ. ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރާއްޖެއިން ކުވޭތާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1977 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!