ދުނިޔެ ތަޖުރިބާކުރަމުންދާ ކޯވިޑް ބަލިމަޑުކަމުގެ އާލަމީ ވަބާއިން ހަނދާންކޮށްދެނީ މުޅި ދުނިޔެއަކީ އެއް އާއިލާއެއް ކަމަށާއި، އިންސާނީ ތަފާތުކުރުން ނައްތާލައި އެއްބައިވުމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުން ވެގެން ގޮސްފައި ވަނީ މިއީ ކޯވިޑް-19 އަށް ފަހު ދުނިޔޭގެ ވެރިން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރަށެވެ.

Ad
rt

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ގައުމުތަކުގެ ރައީސުންގެ ވާހަކަތަކުން އާންމު މަޖިލީހުގެ މާހައުލު ހަލަބޮލިވެގެން ދިޔަކަމަށް ބައިނަލް އަގްވާމީ މީޑިއާގެ ޚަބަރުތަކުގައި ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދުނިޔެ ބައިބައި ވެއްޖެކަމަށާއި، ކޯވިޑް 19 އަކީ ދުނިޔެއަށް ލިބުނު އެލާމެއްކަމަށް ޔޫ.އެންގެ ސެކްޓްރީ ޖެނެރަލް އެންޓޯނިއޯގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި، ދުނިޔެ މިހާރު މިއޮތީ ވަރަށް ބޮޑު ހަމަނުޖެހުމެއްގައިކަމަށް ވިދާޅުވިއެވެ. އަދި ދުނިޔެއަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.

ފިން ލޭންޑްގެ ރައީސް ވިދާޅުވީ ދުނިޔެ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ. ކޮސްޓަ ރިކާގެ ރައީސް ކާލޮސް އަލްވަރާޑޯ ކުއެސަޑާ ވިދާޅުވީ، ދުނިޔެ އެންމެނަށް ގޮވާލަމުން ދަނީ، ހަނޑުރާމަތައް ހުއްޓާލާ ދުނިޔެ އެކުވެރިވެ ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް 19 ހަނދާންކޮށް ދެނީ މުޅި ދުނިޔެއަކީ އެއްބައެއްކަމަށާއި މިއީ އެއް އާއިލާއެއްކަމަށް ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގައި އޮތް އިންސާނީ ތަފާތުކުރުން ނައްތާލާ އެންމެވެސް އެބައިވަންތަކަން ޤައިމްކުރުމަށް ވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެންމެ ބޮޑަށް އެއްބާރުލުންދޭންވާނީ، އެތަކެއްޗަށް ގެއްލުންދީފައިވާ ފަރާތްތަކުންކަމަށް ވެސް ވިދާޅުވިއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޯވިޑް 19ގައި 4.6 މިލިއަން މީހުން މަރުވެގެން ގޮސްފައިވާކަމަށާއި، އެންމެ އެއްބައިވަންތަކަން އިތުރުކޮށް ދުނިޔޭގެ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުން ދިފާޢުވުމަށްޓަކައި މަސައްކަތްތައް ކުރަންޖެހިފައިވާކަމަށް ހުރިހާ ވެރިންގެ ވާހަކައިގައިވެސް ފާހަގަކޮށްފައިވެއެވެ.

ތިމާވެއްޓަށް އަންނަމުންދަ ބަދަލާއި ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވެންހުރި މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާތައް ބޭއްވުމަށް ހުރިހާ ޤައުމުތަކެއްގެ ވެރިންވެސް ވަނީ އިއްތިފާގުވެފައެވެ.