ޖައްވު ނުސާފުވާ މިންވަރު އިތުރުވެ އޭގެ ނުރައްކާ ބޮޑުވެފައިވާކަމަށްބުނެ، އެއަރ ކޮލިޓީ ގައިޑްލައިންތައް ވަރުގަދަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ނިންމައިފިއެވެ.

އެ ޖަމިއްޔާއިން އެއަރ ޕޮލިއުޝަން ގައިޑްލައިންއަށް 2005 ވަނަ އަހަރު ބަދަލު ގެނެސް ބުނެފައިވަނީ، ޖައްވު ނުސާފުވުމުގެ ސަބަބުން އަހަރަކު 7 މިލިއަނަށްވުރެ ގިނަ ކުދިން ދުވަސްނުފުރާ ވިހާކަމަށެވެ. އަދި ޖައްވު ތަޢައްޔަރުވުމުގެ މައްސަލައަކީ ދުނިޔޭގެ ސިއްހަތަށް ދިމާވެފައިވާ ތިމާވެއްޓާއި ގުޅުންހުރި އެންމެ ބޮޑު މައްސަލަކަމަށެވެ.

Ad
rt

ތިމާވެއްޓަށް އެންމެ ނޭދެވޭ އަސަރެއް ކުރަނީ އިންސާނުންގެ ފަރާތުން ކުރިމަތިވަމުންދާ ނޭދެވޭ އާދަތައްކަމަށްވާ ދުންފަތުގެ އިސްތިއުމާލުކުރުމާއި، ކެއިންބުއިމުގައި ހުންނަ ނުރަގަޅު އާދަތަކުގެ ސަބަބުންކަން ޑަބްލިއު.އެޗް.އޯއިން ހާމަކޮށްފައިވެއެވެ. އަދި އެތަށް ފުރާނެތަކެއް ސަލާމަތްކުރުމަށް ޖައްވު ނުސާފުވުން ދެމެހެއްޓުމަށް އެއަރ ޕޮލިއުޝަންގެ ގައިޑްލައިންތަކަށް ބަދަލުގެންނަންޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޔޫ.އެން އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި ކުރިއަށްވުރެން ބޮޑަށް އެއަރ ޕޮލިއުޝަންއާއި ބެހޭ ގޮތުން މީހުންނަށް ދަސްވެފައިވާ މިންވަރު އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އަދި 2005 ވަނަ އަހަރު އެކުލަވާލެވުނު އެއަރ ޕޮލިއުޝަންއާއި ބެހޭ ގައިޑްލައިންތަކަށް ދުނިޔޭގެ ހުރިހާ ސިޓީތަކަކުން އަމަލުކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.

ޖައްވު ނުސާފުވުމުން އަލަށް އުފަންވާ ކުދިންގެ ފުއްޕާމެއާއި ނެވާލާ ނިޒާމަށް ދަތިވެ ޅަފަތުގައި ކުދިން މަރުވާ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިއާއި އެކު ހިތުގެ ބަލިތަކާއި ސްޓްރޯކްޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ގިނަވެފައިވާއިރު، ހަކުރު ބަލި ޖެހޭ މީހުންގެ ނިސްބަތްވެސް ޖައްވު ނުސާފުވުމާއި ގުޅިގެން އިތުރުވެފައިވާކަމަށް އެ އޯގަނައިޒޭޝަނުން ހަދާފައިވާ ދިރާސާތަކުން ދައްކާކަމަށް ބުނެފައިވެއެވެ.