މަސްދަރު ހާމަކުރުމަށް ބާރު އަޅައި، ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިގޮތުން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މަސްދަރު ހާމަކުރުމަށް ބާރު އަޅައި، ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ އިއާދަނނުކުރެވޭނެފަދަ ގެއްލުމަކަށް ވެދާނެތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad
rt

އަލަށް ހުށަހެޅި ހެއްކާއި ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކުރަނީ، ކޯޓުން ކަނޑައަޅައިފިނަމަ ބައެއް ހާލަތްތަކުގައި ނޫސްވެރިންނަށް ޢާންމުކުރާ ޚަބަރުތަކުގެ މަސްދަރު ފާޅުކުރުމަށެވެ.

"ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމުގައި ޤާނޫން އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، ހެއްކާއިބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިމިވާ އިސްލާހުގެ ސަބަބުން ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވެފައިވާކަމަށްވެސް ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިކަން އަންނަ ކޮންމެ ކަމަކީ، ނޫސްވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުންތައް، އެތައް ދަރަޖައަކަށް ސޮއްސާލައި ނޫސްވެރިކަމުގެ އަސާސްތަކާއި، ބައިނައްލަޤްވާމީ މިންގަނޑުތަކަށް ޖެހޭ ގޮންޖެހުމެއްކަމަށެވެ.

މިނިވަން ނޫސްވެރިކަމަށް ހީނަރުކަން އަންނާނެ މިއިސްލާޙް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާކަމަށާއި، ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރުވައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެ ކޮމިޝަން ދެމި އޮންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށާއި، މީޑިއާގެ އެންމެހައި ފަރާތްތަކަށް އަރުވާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ހެއްކާއި ބެހޭ ބިލުގައި މަސްދަރު ހާމަކުރުން މަޖުބޫރުކުރުވާގޮތަށް ހިމަނާފައިވާ މާއްދާގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އެބައޮތްކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިންވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.