އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)އަކީ ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެއޯސިސްގެ ލީޑަރސް ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓު ބާއްވާފައި ވަނީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއޯސިސްގެ ކުދި ޖަޒީރާ ޤައުމުތަކަކީ މާ ދުރުދުރުގައި ވަކިވަކިން ހުރި، ކުދި ޤައުމުތަކެއް ނަމަވެސް މި ޤައުމުތަކުގެ ބަދަހިކަމާއި ގުޅިފައިވާ ތަޞައްވުރަކީ، ދުނިޔޭގައި ބަސް ހިނގައި، ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރަކަށް އެއޯސިސް ހަދައިދިން ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްޤީއާއި އަދި މި ނޫންވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ޤައުމުތަކެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު އިޤްތިޞާދުތަކަށް، ބޮޑަތި ގެއްލުންތަކާ ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ޞާލިޙް ވަނީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށްވެސް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ޙިއްޞާކުރުމަށާއި، މާލީ އެހީތެރިކަމާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިވެ ދިނުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން ވަކިން ޚާއްޞަ ޙާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށްކަންވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތައް އެކުލެވޭ ޖަމާޢަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފައެވެ. އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ޤައުމުތައް ތަމްސީލުކުރާ ޖަމާޢަތްކަމުގައިވާ 'އެއޯސިސް' އުފެދުނީ 1990ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ. އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އާއި ބައިނަލްއަޤްވާމީ އެންވަޔަރަންމަންޓް ޕޮލިސީއަށް ވަކާލާތުކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއްދޭ ޖަމާޢަތެކެވެ.