އިޓާލިއަން ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބިއޮތް ޔުވެންޓަސްއަށް ފުރަތަމަ ފަހަރަށް ލީގު މެޗަކުން މޮޅުވެއްޖެއެވެ. ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައި ވަނީ ސްޕެޒިއާއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޔުވެންޓަސްއިންނެވެ. ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި އެޑްރިއަން ރެބިއޮޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މޫސީ ކީންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެޒިއާއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމަނުއެލް ގްޔައިސީއެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕެޒިއާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޔެނިސް އެންޓިސްޓޭއެވެ. ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 66 ވަނަ މިނެޓުގައި ކިއޭސާއެވެ. އެ ޓީމް މެޗުން މޮޅުވިލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ޑި ލިޓްއެވެ.
މި މެޗަށް ނުކުތްއިރު ޔުވެންޓަސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއިއެކު ރެލިގޭޝަން ޒޯންގައެވެ. ދަށް ނަތީޖާތަކާއިއެކު މި މެޗަށް ނުކުތްއިރު ވެސް ޔުވެންޓަސްގެ ކޯޗް އެލެގްރީއަށް އޮތީ ޕްރެޝަރާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މި މެޗުން މޮޅުވުމުން އެ ޕްރެޝަރަށް ކޮންމެވެސް ވަރެއްގެ ލުޔެއް ވަނީ ލިބިގެން ގޮސްފައެވެ.
މި ނަތީޖާއާއިއެކު ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 13 ވަނައަށް ޔުވެންޓަސް ވަނީ ކުރިއަށް ޖެހިލާފައެވެ. މި މެޗުން ބަލިވި ސްޕެޒިއާ މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ޓޭބަލްގެ ފުލުގައެވެ.
އިޓާލިއަން ލީގުގައި ބުދަ ދުވަހުގެ ރޭ އޭސީ މިލާނާއި ވެނެޒިއާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނާގައި މިލާން އޮތީ އެއްވަނާގައި އޮތް އިންޓަ މިލާނާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމަށް ވެސް ފަސް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!