2 އަހަރުގެ މެދު ކެނޑުމަކަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރިއެޗް) ގައި، ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތް އަލުން ފަށައިފި އެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕޮޓަލުގެ ކާޑިއެކް ސެންޓަރާއި އަލަށް ގުޅިވަޑައިގެންނެވީ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު ޝޭޑީ ޚައިރީ (Dr. Shady Khairy) އެވެ.

Ad
rt

އެ ހޮސްޕިޓަލުން ނެރުއްވި މީޑީޔާ ބްރީފިންއެއްގައި ވިދާޅުވީ، އެހޮސްޕިޓަލްގައި ހިދުމަތް ދޭން ފެށުމުން، ކާޑިއެކް ސެންޓަރުން ދެމުން ގެންދިޔަ ނޮން-އިންވޭސިވް ކާޑިއެކް ހިދުމަތްތައް އާންމުންނަށް އަލުން ލިބިގެން ދާނެކަމަށާއި ބީ.އެމް.ޓީ، އިކޯ އަދި ހޮލްޓާރ ފަދަ ޓެސްޓްތައް ހެދޭނެކަމަށެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، ކާޑިއެކް ސެންޓަރުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި، ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކުރިޔަށް ގެންދިޔުމަށް
ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 2 ދުވަސް ހާއްސަ ކުރެވޭނީ ހިތުގެ ހާއްސަ ޓެސްޓްތައް ކުރިޔަށް ގެންދިޔުމަށްކަމަށެވެ. އަދި 4 ދުވަހު އޯ.ޕީ.ޑީ ގައި ޑޮކްޓަރު ބައްލަވާނެއެވެ.

ކޭއާރުއެޗްގައި މިޙިދުމަތް ފެށީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. ޚިދުމަތް ފެށި މަހެއް ނުވަނީސް ޑޮކްޓަރު ވަނީ ރަށުން ފުރާފަ އެވެ.

ކޭއާރުއެޗްއިން އިތުރަށް ވިދާޅުވީ، ސަބް ސްޕެޝަލިސްޓުން ހޯދުމުގައި ގިނަ ގުނަ ދަތިތަކެއް ހުރިއިރު، ފާއިތުވި 10 މަހެއްހާ ދުވަހުގެ ތެރޭގައި ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާނެކަމަށެވެ.

"ސަބް ސްޕެޝިއަލިސްޓުން ހޯދުމުގައި އަޅުގަނޑުމެންނަށް އެބަހުރި ބައެއް ކަހަލަ ދަތިތައް. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ސަބްސްޕެޝިއަލިސްޓުންގެ މުސާރައިގެ ދަރަޖަ މި ސަރަހައްދުގެ ޤައުމުތަކާ އަޅާ ބަލާއިރު ނުވަތަ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި މުސާރައިގެ މިންވަރު ހުރި ވަރާ އަޅާ ބަލާއިރު ވާދަވެރި ނޫނީ، ސަބްސްޕެޝިއަލިސްޓުންގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން. އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބައެއް ދާއިރާތަކުން ޑޮކްޓަރުން ރެކްރޫޓް ނުކުރެވި މި ވަނީ މި ސަބަބާ ހުރެ. އެގޮތުން ނިއުރޮލޮޖިސްޓް އަދި ޔޫރޮލޮޖިސްޓު މި ވަގުތު ވެސް ރެކްރޫޓް ކުރުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. ކާޑިއޮލޮޖިސްޓް މި ލިބުނީ ގާތްގަނޑަކަށް ދެ އަހަރު ފަހުން. އަދި ނިއުރޮލޮޖިސްޓު ނެތި މިހާރު އެއް އަހަރުވީ. އަޅުގަނޑަށް ޤަބޫލު ކުރެވެނީ މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް".

މިކަމާއި ގުޅޭ ގޮތުން ކޭއާރުއެޗް ހިންގުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަޙްމަދު ދާއޫދު ވިދާޅުވިއެވެ.

މި ހިދުމަތާއި އެކު އުތުރުގެ އަތޮޅުތަކުގައި ދިރިއުޅެމުން އަންނަ ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައެކެވެ.