އިޓާލިއަން ސީރިއާ އޭ ގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު އިންޓައިން ކާމިޔާބު ކޮށްފިއެވެ. ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ ފިއޮރެންޓީނާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފިއޮރެންޓީނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ގިނަ ހަމަލާތަކެއް ވެސް ވަނީ އުފައްދާފައެވެ. މިގޮތުން ފިއޮރެންޓީނާގެ ނިކޮލަސް ގޮންޒާލެޒްއާއި ޑޫސަން ވަލްހޮވިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ އިންޓަގެ ކީޕަރ ވަނީ މަތަކޮށްފައެވެ.

Ad
rt

ފުރަތަމަ ހާފު ނިމުމމުގެ ކުރިން ފިއޮރެންޓީނާއިން ވަނީ ލަނޑުޖަހައި މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު 23 ވަނަ މިނެޓުގައު ނިކޮލަސް ގޮންޒާލެޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރިކާޑޯ ސޮޓިލްއެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި އިންޓައިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މިގޮތުން 52 ވަނަ މިނެޓުގައި ބަރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑާމިއަން ވަނީ ލަނޑުޖަހައި އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގައި އިންޓަށް ފުރަތަމަ ފަހަރަށް ލީޑު ލިބިފައިވަނީ 55 ވަނަ މިނެޓުގައި ޗަޅަނގުލޫ ނަގައިދިން ކޯނަރަކުން އެ ޓީމްގެ ފޯވާޑް އެޑިން ޒެކޯ ބޮލުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ފިއޮރެންޓީނާއަށް މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ 78 ވަނަ މިނެޓުގައި އެ ޓީމްގެ ނިކޮލަސް ގޮންޒާލެޒްއަށް ރަތްކާޑް ދެއްކުމާއި ގުޅިގެންނެވެ. މެޗުގައި އިންޓައަށް ލީޑު ފުޅާކޮށްދީފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ޕެރިސިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއިއެކު އިންޓައަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު 5 މެޗުން 13 ޕޮއިންޓް ލިބިގެންނެވެ. ދެވަނާގައި މިވަގުތު 4 މެޗުން 12 ޕޮއިންޓް ލިބިގެން އޮތީ ނަޕޯލީއެވެ. މި މެޗުން ބަލިވި ފިއޮރެންޓީނާ މިވަގުތު އޮތީ ކުޅުނު 5 މެޗުން ލިބުނ 9 ޕޮއިންޓާއިއެކު ތާވަލުގެ ހަވަނާގައެވެ.