މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ކަރެކްޝަނުން ބުނިގޮތުގައި އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެއެވެ.

Ad
rt

ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރުކުރުމުގެ ގޮތުން، އެޗްޕީއޭ އަދި އައިޖީއެމް ހޮސްޕިޓަލްގެ ޓީމެއް 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރަތްކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ޒިޔާރަތުގައި އެ ޖަލުގައި މަސައްކަތްކުރާ ހަތަރު ނަރުހަކަށާއި ހިންމަފުށި ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ޓީބީ އާއި ސާމްޕަލް ކަލެކްޝަން އާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ރެންޑަމްކޮށް އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.