ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ޙައްޤުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ ކަމަށެވެ.
ނަމަވެސް އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ޤައުމަކުން ފަލަސްޠީނުގެ ޙައްޤުގައި ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
އ.ދ. ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް، ފަލަސްޠީނުގެ ޙައްޤު ކަށަވަރު ނުކުރެވިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް މިއަދު އ.ދ. ގައި ވާހަކަފުޅުދެއްކެނީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވާތީ ކަމަށްވެފައި، މިލިއަނުން މީހުން ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ވިދާޅުވީ ދިވެހިން އެދެނީ ފަލަސްޠީނަކީ އ.ދ. އާއި މުޅި ދުނިޔެއިންވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ޤައުމަކަށް ވުމަށާއި، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ޙައްޤުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ އިތުރުން އެމަނިކުފާނު ވަނީ އަފްޣާނިސްތާނުގެ މިއަދުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ޖެހޭކަމުގައި ވިދާޅުވެ، މިކަން ކަށަވަރުކުރުމަށްޓަކައި އެޤައުމުގެ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!