"އޮންލައިން މެސެޖަކުން" ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވާފައިވާ ދެންނެވުމުގައި ވިދާޅުވެފައިވަނީ، އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި މުއާޞަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ޤާއިމުކުރައްވައިފައިވާ، އޮންލައިން ޕްލެޓްފޯމް "GOV.MV" މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ދެންނެވުމުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ ދަށުން މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "GOV.MV" މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަންވާނެގޮތް ތަފްޞީލްކޮށްދެއްވާފައިވާކަމަށެވެ.
"މި ޚިދުމަތް ފެށުމާއެކު، މި ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމަށް އަމިއްލަ ފަރާތްތަކަށް ބާރުއެޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ."
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.
އެ ދެންނެވުމުގައި އިތުރަށް ވިދާޅުވެފައިވަނީ، މިއަދު އާންމުކޮށް ހުޅުވައިލެއްވި "GOV.MV" ގެ ޚިދުމަތް ފެށުމާ ހަމައަށް ސަރުކާރުގެ އިދާރާތަކަށް އަމިއްލަ މީހުންގެ ފަރާތުން ލިބިފައިވާ ސިޓީތަކާއި އީމެއިލްތަކާމެދުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި ގޮތަށް ކަމުގައެވެ.
މިއާއި އެކު، މީގެ ކުރިން އާއްމުކޮށްފައިވާ އެ އޮފީހުގެ ނަންބަރު 63/1975 (14 އޮކްޓޫބަރު 1975) ދެންނެވުމާއި، 59/1991 (15 ޖޫން 1991) ދެންނެވުމާއި، 68/1995 (7 އޮކްޓޫބަރު 1995) ދެންނެވުމާއި، 77/2001 (25 ޑިސެންބަރު 2001) ދެންނެވުން ބާޠިލުކުރެވިފައިވާކަމުގައިވެސް އެ ދެންނެވުމުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!