ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުން ވެލެންސިއާ މޮޅުވާން ދަނިކޮށް މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައި ރެއާލުން މެޗު ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ވެލެންސިއާގެ ގެބްރިއަލް ޕައުލިސްޓާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ރެއާލްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ލަނޑެއް ނުފެނިއެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ވެލެންސިއާއިންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ވެލެންސިއާއަށް ލީޑު ނަގާފައި ވަނީ ހޫގޯ ޑުރޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބައިކޮޅަށް ވަތް ލަނޑާއިއެކު ރެއާލުން ވަނީ ކައިރިކައިރީގައި ބަދަލުތަކެއް ކޮށް އެޓޭކިން ކުޅުންތެރިން އިތުރުކޮށް ޓީމް އިތުރަށް ކުރިއަށް ޖައްސައި ވެލެންސިއާއަށް ބާރު ބޮޑު ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 86 ވަނަ މިނެޓުގައި ވިނީސިއަށް ޖޫނިއާ ވަނީ ލަނޑުޖަހައި ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ވިނީސިއަށް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބެންޒެމާ ވަނީ ލަނޑުޖަހައި މެޗުން ރެއާލަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. މިއީ މި ސީޒަންގައި ބެންޒެމާ ރެއާލަށް ކާމިޔާބު ކޮށްދިން ހަވަނަ ލަނޑެވެ.

މި ނަތީޖާއާއިއެކު ރެއާލް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައި ގެންނެވެ. ދެވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ވެލެންސިއާއަށް ލިބިފައި ވަނީ ފަސް މެޗުން 10 ޕޮއިންޓެވެ. އެ ޓީމް މިވަގުތު އޮތީ ތިންވަނާގައެވެ.