ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ އަންނަ އަހަރު ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.

ބާ ކައުންސިލުން ރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ފުރަތަމަ ބާ އިމްތިޙާނާގުޅޭ ގޮތުން ގިނަ ފަރާތްތަކަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދެމުން އަންނަކަމަށެވެ.

Ad
rt

އެހެންކަމުން ބާ އިމްތިޙާނުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްދާ ކަމަށް އެ ކައުންސިލުން ބުނެފަވެއެވެ. އަދި ފުރަތަމަ ބާ އިމްތިޙާނު ބޭއްވުމަށް މިހާރު ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައިކަމަށް ވެސް އެ ކައުންސިލުން ބުނެފަވެއެވެ.

މިގޮތުން ބާ އިމްތިޙާނު ދެވޭ މައިގަނޑު ސަބްޖެކްޓް އޭރިއާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާތަކުގެ ގޮތުގައި 6 ދާއިރާއެއް އެ ކައުންސިލުން ހާމަކުރަށްވާފައެވެ. އެ ދާއިރާ ތަކަކީ،

  • ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ
  • ކޮންޓްރެކްޓް ލޯ
  • ކްރިމިނަލް ލޯ
  • ޓޯޓް ލޯ
  • ލޭންޑް/ ޕްރޮޕަރޓީ ލޯ
  • މޯލްޑިވިއަން ލީގަލް ސިސްޓަމް

ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަނާބެހޭ މަޢުލޫމާތާއި، އިމްތިޙާނުގެ މުޤައްރަރާއި، އިމްތިޙާނު އޮންނާނެ ގޮތާއި، އިމްތިޙާނު އޮންނާނެ ތާރީޚެއް މި އަހަރުގެ ފަހުކޮޅު އިޢުލާނު ކުރާނެ ކަމަށް ވެސް ބާ ކައުންސިލުން ބުނެއެވެ. އަދި ބާ އިމްތިޙާނާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް secretariat@maldivesbarcouncil.org އަށް އީމެއިލް ކުރުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލު އުފެދިފައި ވަނީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުންނެވެ.