އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗުން ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވިއިރު، ޓޮޓެންހަމްއާއި ޗެލްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗު ފަށައިގެން ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓްހޭމްއިންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސާއިދް ބެންރަހްމާއެވެ. މި ލަނޑަށްފަހު ވެސްޓްހޭމްއަށް މާގިނައިރު ލީޑުގައި އޮވެވޭގޮތެއް ނުވިއެވެ. ލަނޑުޖެހިތާ ފަސް މިނެޓު ފަހުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް ކުޅެދިން ތިން މެޗުގައި ކާމިޔާބު ކޮށްދިން ހަތަރުވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާކޮށްފައެވެ. މި މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިންގާޑެވެ. ލިންގާޑް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ލަނޑުޖަހައި ޔުނައިޓެޑް މޮޅުކޮށްދީފައެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވެސްޓްހޭމްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ލިބުމާއިއެކު ވެސްޓްހޭމްގެ ކޯޗް ޑޭވިޑް މޮޔެސް ވަނީ ޕެނަލްޓީ ޖެހުމަށްޓަކައި އެ ޓީމްގެ ތަޖުރިބާކާރު ކުޅުންތެރިޔާ މާކް ނޮބެލް ކުޅެން ނެރެފައެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ވަނީ ދިފާއުކޮށް ޔުނައިޓެޑަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ދަނޑުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީއެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން ފެނިގެންދިޔަ ހުރިހައި ލަނޑެއް ވެސް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފުފެށިތާ ހަތަރު މިނެޓުގެ ތެރޭގައި އެލަންސޯ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ތިއާގޯ ސިލްވާއެވެ. ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކަންޓޭއެވެ. މި ލަނޑު ޓޮޓެންހަމް ކޮޅަށް ވަދެފައި ވަނީ ކަންޓޭ ފޮނުވާލި ބާރު ހަމަލާ ޓޮޓެންގަމްގެ ޑިފެންޑަރ އެރިކް ޑަޔަރ ގައިގައި ޖެހި މިސްރާބް ބަދަލުވެގެން ގޮސް ދަނޑީގައި ޖެހިފައެވެ. މެޗުގައި ޗެލްސީއަށް ލީޑު ފުޅާ ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވާނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރުޑިގާއެވެ.

މި ނަތީޖާތަކާއިއެކު ޕޮއިންޓް ތާވަލުގެ ގަދަ ތިނެއްގައި އޮތް ޗެލްސީއާއި ޔުނައިޓޭޑުގެ އިތުރުން ލިވަޕޫލަށް ވެސް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް އަތުން ބަލިވި ވެސްޓްހޭމް މިވަގުތު އޮތީ ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއިއެކު ތާވަލުގެ އަށް ވަނާގައެވެ. ޓޮޓެންހަމްއަށް ލިބިފައި ވަނީ ފަސް މެޗުން ނުވަ ޕޮއިންޓެވެ. އެ ޓީމް އޮތީ ހަތް ވަނާގައެވެ.