އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނިއުޔޯކް ސިޓީއަށް ވަޑައިގެންފި

187674_812eae76-e_

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ރައީސްއަށް މަރުޙަބާ ދެންނެވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޝާހިދާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިންއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުގައެވެ. އާންމު މަޖިލީހުގައި ގައުމުތަކުގެ އިސްވެރިން ތަގުރީރު ކުރައްވަން ފައްޓަވާނީ އަންނަ އަންގާރަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ތިންވަނަ އަށް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް ސޯލިހެވެ. ރައީސް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ދިވެހި ބަހުންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.

ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި