ތ. ހިރިލަންދޫގައި މިއަދުވެސް ދަރިވަރިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން ސްކޫލް ދޮށުގައި އިހުތިޖާޖްކުރަމުން އެބަދެއެވެ.

ވިއްސާރަވާ ދުވަސްދުވަހު ސްކޫލްގެ ހާލަތު ހުންނަ ގޮތުން ކުދިންނަށް ކިޔަވަން ދަތިވާކަމަށްބުނެ، ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހު ބެލެނިވެރިން ވަނީ ސްކޫލް ގޭޓްގައި ތަޅު އަޅުވާފައެވެ.

Ad
rt

މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ ސްކޫލްގެ ބެލެނިވެރިން ދަރިން ސްކޫލަށް ފޮނުވާފައެއް ނުވެއެވެ.

ސްކޫލްގައި ޖާގައިގެ ދަތިކަން ހުރި އިރު، އެކަށީގެން މިންވަރެއްގައި މިކަންތައްތަކަށް ހައްލެއް ލިބިފައިނުވާކަމަށްބުނެ ސްކޫލަށް ކުދިން ނުފޮނުވުމަށް އެ ސްކޫލްގެ ބެލެނިވެރިން ވަނީ ނިންމާފައެވެ.

އެ ސްކޫލްގެ އަންހެން ބެލެނިވެރިން ނިކުމެ މިއަދުވެސް ސްކޫލް ދޮށުގައި އަޑުއުފުލަމުން އަންނަ އިރު، ޓީޗަރުންނަށްހުރަސް ނޭޅުމަށް ޕޮލިހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކަން ކުރާނަމަ ބާރުގެ ބޭނުންކުރާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

"ދަރިވަރުންގެ ހައްގު ކޮބައިތޯ؟" ލިޔެފައިވާ ބޯޑުތައް ހިފައިގެން ބެލެނިވެރިން ސްކޫލް ދޮށުގައި އަންނަނީ އަޑު އުފުލަމުންނެވެ. އަދި އެމީހުން މި އިހުތިޖާޖް ހުއްޓާލާނީ ސްކޫލްގެ ކަންތައް ވަކި ގޮތަކަށް ނިންމުމުންކަމަށް އަންނަނީ ބުނަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ލަފާދީފައިވަނީ ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިގޮތަށް ކިޔަވައިދިނުމަށް ސްކޫލްގައި އެވަރުގެ ގާބިލްކަމެއް މިވަގުތު ނެތްކަމަށް ސްކޫލްގެ ފަރާތުން ބުނެފައިވާ ކަމަށްވެއެވެ.

ބެލެނިވެރިން ބޭނުން ނަމަ އޮންލައިންކޮށް ގޭގައި ކުދިންނަށް ކިޔެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްވެސް އެޑިއުކޭޝަނުން ލަފާދީފައިވާކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެއެވެ.

ހިރިލަންދޫ ސްކޫލްގައި 200 އަށް ވުރެ ގިނަ ކުދިން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.