ސުޕްރީމް ކޯޓުގެ ނިންމުންތައް އާންމުކުރަން އެޕްލިކޭޝަނެއް

ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ނިންމުންތައް އޮންލައިންކޮށް ބަލާލެވޭނެ ވެބް އެޕްލިކޭޝަނެއް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޭސް ރިޕޯޓަރ ނަމުގައި އުފެއްދި އެޕްލިކޭޝަންގައި ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ހުންނާނެ ކަމަށެވެ.

އެގޮތުން އެ ހުރިހާ ނިންމުމެއް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ. އަދި މި މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމޭއިރު، މި އެޕްލިކޭޝަން ބޭނުންކުރުމުގެ އެކްސެސް ޤާނޫނީ ވަކީލުންނާއި ގާނޫނުކިޔަވާ ދަރިވަރުންނަށް ވެސް ހުޅުވައިލާނެ ކަމަށް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ މި ޕްރޮޖެކްޓަކީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި އެޕްލިކޭޝަން ތަރައްގީކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި މި މަސައްކަތަކީ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަމާއެކު ކޮށް ނިންމާލެވުނު މަސައްކަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކޯޓުގެ ބަޔާނުގައި ބުނީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް، މި ދާއިރާ ހަރުދަނާ ކުރުމަށް ސުޕްރީމް ކޯޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ދެ އަހަރަކީ ކޮވިޑް-19ގެ ސަބަބުން ގިނަ ކަންކަން މަޑުޖެހިފައި އޮތް އޮރު ވެސް ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

އެގޮތުން އެ އެޕްލިކޭޝަނަކީ އެންމެ މުހިންމު މަސައްކަތްކަން ފާހަގަކޮށް ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސިފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް މި މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު އެ ބަދަލުތައް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމަނައި ނިމިގެން މިދިޔަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އައު ގަވާއިދުވަނީ އާންމުކުރެވިފައިވާ ކަން ފާހަގަކޮށްފައިވެއެވެ. އަދި ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިން ވަނީ ޢާންމުކުރަން ފެށިފައިވާ ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ 02 ވަނަ ދުވަހުން ފަށައި، މި ސިޔާސަތާ އެއްގޮތަށް، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މާލަމުގައި ބޭއްވޭ ޝަރީޢަތްތައްވެސް ލައިވް ސްޓްރީމް ކުރަން ފަށާފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށް ކާމިޔާބު އަހަރެއް ކަމަށާއި، 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18 އިން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައި ކަމަށް ވެސް ބުނެފައިވެއެވެ. އަދި ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ޙުކުމްކުރެވިފައިވާ ކަމަށާއި، މިއީ، އޭގެ ކުރީ އަހަރު ޙުކުމްކުރެވުނު އަދަދަށްވުރެ %20 ގެ ކުރިއެރުމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި