ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ހދ. ނޮޅިވަރަންފަރު ރައްޔިތުންނަށް އެރަށު ކޮވިޑް-19 ޓާސްކް ފޯހުން ޚާއްސަ އިލްތިމާސް އެއް ކޮށްފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުން މިއަދު އާންމު ކުރެއްވި އިއުލާނެއްގައި ވާގޮތުން، އެރަށު ކޮވިޑް ޓާސްކް ފޯހުން ވަނީ 8 ކަމެއް ލިސްޓުކޮށް އެކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Ad
rt

އެގޮތުން، ގެއިން ބޭރަށް ނިކުމެއުޅުން މަދުކުރުމާއި ބޭރަށް ނުކުމެ އުޅޭއިރު ސާޖިކަލް މާސްކު އެޅުމުގެ އިތުރުން ފިހާރަތަކަށް ގޮސްއުޅުމުގައި ގައިދުރުކޮށް އުޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިސްކިތައް ދާއިރު ގެއިން ވުޝޫކޮށްގެން މުސައްލަ ހިފައިގެން މާސްކު އަޅައިގެން ދިއުމަށާއި އެރަށުގައި ކުޅިވަރު ހަރަކާތްތަކާއިި ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތަށް ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ހޮޓާ، ކެފޭ ރެސްޓޯރެންޓުތަކުން ގައިދުރުކޮށް ޚިދުމަތް ދިނުމަށާއި ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ރަށުންބޭރަށް ނުދިއުމަށްވެސް ނޮޅިވަރަންފަރު ޓާސްކް ފޯހުން އިލްތިމާސް ކުރެއްވިއެވެ.

އެރަށު ހޮސްޕިޓަލުން އާންމު ކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި ވާގޮތުން، އެރަށުގައި ކޮވިޑް-19 ގެ 30 އެކްޓިވް ކޭސް އެބަތިއްބެވެ.

ހދ. ނޮޅިވަރަމް ކްލަސްޓާއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ނޮޅިވަރަންފަރު މީހެއް ޕޮޒިޓިވްވުމާއި ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންއަށް ގެނެސްފައެވެ. އެހެންނަމަވެސް، އެރަށުން އިތުރު ކޭސްތައް ފެންނަމުން ދަނިކޮށް އެޗްޕީއޭ އިން ވަނީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެން އެރަށް އާންމު ހާލަތަށް ގެނަސްފައެވެ.

އެޗްޕީއޭގެ އެ ނިންމުން އައީ ނޮޅިވަރަންފަރުގެ ކޯވިޑް ޓާސްކް ފޯހާއިވެސް، ކައުންސިލާ ވެސް އަދި ސިއްހީ މަރުކަޒާވެސް އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވުމުން، އެފަރާތްތަކަށް މި ނިންމުމުން ޝޮކެއް ލިބުނުކަމަށް ވަނީ ބުނެފައެވެ. އަދި މޮނިޓަރިން އުވާލި ނަމަވެސް ރަށުގެ ހާލަތު ރަނގަޅުކަން ކަށަވަރުވަންދެން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެރަށު ޓާސްކް ފޯހުން ވަނީ ނިންމާ އެކަން ރައްޔިތުންނަށް އަންގާފައެވެ.