ކަޅުތެލުން ރަސްފަންނު ސަރަހައްދު ތަޣައްޔަރުވީ، ބަޔަކު އެއްލައިިލި ތެޔޮ ފީފާއެއް ފަޅައިގެން ދިއުމުންކަމަށް ޚަބަރު ލިބިއްޖެއެވެ.

ތެޔޮ ލީކުވެ އެސަރަހައްދު ތަޣައްޔަރުވާން ފެށުމުން އެކަން ކަމާބެހޭ ފަރާތްތަކަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ފަރާތުން "ތިލަދުން" އާއި މިކަން ހިއްސާކުރަމުން ބުނެފައިވަނީ ތެޔޮ ލީކުވެފައިވަނީ އެސަރަހައްދަށް ލައްވެފައިވާ ތެޔޮ ފީފާއަކުންކަމަށެވެ.

Ad
rt

ތެޔޮ ލީކުވެ އެސަރަހައްދު ތަޣައްޔަރުވާން ފެށީ މިއަދު ހަވީރުން 4:30 ހާއިރުއެވެ. އެފީފާ ލައްވެފައިވަނީ ރަސްފަންނުގެ ރާޅުވައްދަން ކަނޑާފަ އިންނަ ގޭޓާއި ދިމާއަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފީފާ އޮތީ ރާޅުތައް މުގުރާ ހިސާބުގައި ކަމަށާއި ފީފާ ކުރީބައިގައި ނެގުންނަމަ މިވަރު ނުވީސް ކަމަށް އޭނާ ބުންޏެވެ.

"ލަފާކުރެވޭގޮތުގައި އެއީ ދޯންޏަކުން ވެއްޓުނު ފީފާއެއް، މިއަދަކީ ކަނޑުގަދަ ދުވަހެއް ކަމުން ފީފާއެއް މޫދަށް ވެއްޓުން އެކަށީގެންވޭ، އެކަމަކު އެފަދަ ކަމެއް ވުމުން ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރަން ވާނުން، މުޅި އެސަރަހައްދު އެއޮތީ އެކީ ތެލުން ފުރިފަ، ވަރަށް ބޮޑު ގެއްލުމެއްމީ"

މަޢުލޫމާތު ހިއްސާކުރަމުން އެޒުވާނާ ބުންޏެވެ.

ތެލުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އައިޖީއެމްއާއި ދިމާއަށެވެ. ވެސްޓްޕާކްވީފަޅިއަށް އެއްވެސް ވަރަކަށް ތެލުގެ އަސަރުކޮށްފަ އެއްނުވެއެވެ. އެގަޑީގަ މޫދަށް އެރި ތިބި މީހުންނަށް ކޮންމެވެސް ވަރަކަށް ތެޔޮގެ އަސަރުކޮށްފައިވާކަމަށްވެސް އެޒުވާނާ ހިއްސާކުރިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މާލެ ސިޓީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވިންގ ޔުނިޓްގެ ޑައިވަރުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:30 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.