ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފި

20210916_201430

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޕްލާސްޓިކް ފުޅީގައި ފެން ބަނދުކުރުން ހުއްޓާލައިފިއެވެ.

އެ ކުންފުނިން ވަނީ ”ފެހި ދިރިއުޅުން“ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުނީގެ 35 އިންޖީނުގެއަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ހަދާފައެވެ.

މި ނިންމުމާއެކު، ކައިރި މުސްތަގުބަލެއްގައި އެ ކުންފުނީގެ ”ސްޓެލްކޯ ފެން“ ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އަމާޒު ހިފި ކަމަށާއި، އެ އަމާޒަށް ވާސިލު ވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓާލުމާއި ގުޅިގެން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ. އަދި ސްޓެލްކޯއިން ދެއްކި ނަމޫނާއާ އެއްގޮތަށް އެހެން ފަރާތްތަކުންވެސް އަމަލު ކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

”ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލިނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާއި ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް. އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން“ މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވުނު މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލުކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓާ ޑިސްޕެންސާ ވަނީ ބަހައްޓައިފައެވެ.

މީގެ އިތުރުން އެ ކުންފުނީގެ ވިޔަފާރި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ދެން ދޭނީ ކަރުދާސް ކޮތަޅެވެ. އަދި، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް ހެޑްއޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ގާއިމް ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *