އީ ސިގިރޭޓް ނުވަތަ ވޭޕްކުރަން ބޭނުން ކުރާ މިލިއަނަށް ވުރެ ގިނަ ބްރޭންޑްތަކެއް އެމެރިކާގެ ފުޑް އެންޑް ޑުރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.

ސިއްޙަތަށް އެތައް ގެއްލުމެއްވާ ސިނގިރޭޓްގެ ބަދަލުގައި ވޭޕް ކުރަން ފެށުންވެސް އެފް.ޑީ.އޭއިން ސިފަކުރަނީ ސިއްޙަތަށް ގެއްލުންހުރިކަމެއްގެ ގޮތުގައެވެ. ސެޕްޓެމްބަރު މަހުގައި އެޖެންސީއިން ވަނީ ވޭޕް ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އުފެއްދުންތަކަށް ހުއްދަ ނުދީ އެއެއްޗެހި މަނާ ކޮށްފައެވެ.

Ad
rt

2007 ވަނަ އަހަރުން ފެށިގެން ވޭޕް ކުރާ އެކި ކަހަލަ ބްރޭންޑްތައް އުފައްދާ އެތަކެތިވަނީ މާކެޓަށް ނެރެންފަށާފަ އެވެ.

އެފް.ޑީ.އޭއިން ވޭޕް ކުރާ ޕްރޮޑަކްޓްސްތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 6.5 މިލިއަން ފޯމް އެ އެޖެންސީއަށް ހުށަހަޅާފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ. ނަމަވެސް އެ އެޖެންސީގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބުނެ ގިނަ އަދަދެއްގެ ފޯމްތައް ބަލައިގަނެފައެއް ނުވެއެވެ. ބަލައިގަތް ފޯމްތަކަށް ވެސް އަދި މިހާތަނަށް އެޕްރޫވަލް ދީފައިނުވާކަމަށް ކުންފުނިތަކުން ހާމަކޮށްފައިވެއެވެ.

މިކަމާއި ނުރުހުން ފާޅުކޮށް ކުންފުނިތަކުން ބުނަމުން އަންނަނީ ، ޕްރޮޑަކްޓްސްތަކުން ލިބޭނެ ގެއްލުން ރަނގަޅަށް ދިރާސާ ނުކޮށް އެފް.ޑީ.އޭއަށް މިކަމުގައި ގޮތެއް ނުނިންމޭނެކަމަށެވެ.

އެފް.ޑީ.އޭއިން ކުންފުނިތަކަށް ގޮވާލާފައިވަނީ ބޮޑެތި މީހުންނަށް ބޭނުންކުރެވޭނެ ފަދަ އުފެއްދުންތަކެއް ހެދުމަށެވެ. ނަމަވެސް މިތަކެތި ޒުވާން އުމުރުފުރައިގެ ފަރާތްތަކުން ބޭނުން ކުރަމުން އަންނަކަން ފާހަގަކޮށް މިއިން ލިބޭ ގެއްލުންތައް ބޮޑުކަމަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި މިކަން މޮނިޓަރ ކުރެވިގެން ވިއްކުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފޯރބްސްއާއި ހަވާލާދީ ވޭޕް ކުރާ ތަކެއްތި މާކެޓްކުރާ ކުންފުނިތަކުން ބުނަނީ، އެފް.ޑީ.އޭއަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަމަށާއި އެފަރާތްތަކުން ފްލޭވަރޑް ނިކޮޓިން ލިކުއިޑް މަނާކުރުމަށް އެ އެޖެންސީއަށް އަންގާފައިވާކަމަށާއި، އަދި ވޭޕް ކުރާ އުފެއްދުންތަކަށް އެޕްރޫވަލް ދިނުން އަންނަ 2022 ވަނަ އަހަރުގެ އޮގަސްޓްމަހާއި ހަމައަށް މުއްދަތު އިތުރުކުރުމަށްވެސް އެފަރާތްތަކުން އަމުރުކޮށްފައިވާކަމަވެސް ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.

2021 ވަނަ އަހަރު ހަދަފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ވޭޕް ކުރާ މީހުން ނުވަތަ ޒުވާނުންނަކީ ސިނގިރޭޓް ބުއިން ހުއްޓާލުމަށް ވޭޕް ބޭނުންކުރާ މީހުންކަމަށެވެ. ނަމަވެސް ވޭޕް ކުރުމުންވެސް ޞިއްޙަތަށް ގެއްލުންތަކެއް ލިބޭކަމަށް މިދިރާސާއިން ދައްކައެވެ. އަދި ކޮލެޖްތަކަށް ދާ ކުދިންވެސް މީގެ ޝިކާރައަކަށް ވެފައިވާކަމަށް ބުނެފައިވެއެވެ.

އެފް.ޑީ.އޭއިން ވޭޕް ކުރާ ތަކެތި މަނާކުރުމަށް ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ކުންފުނިތަކުން އެފް.ޑީ.އޭ އާއި ދެކޮޅަށް މައްސަލަތަ ހުށަހަޅާނެކަމަށާއި، މިއީ ވޭޕް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.