ކޯވިޑާއެކު ވެސް މިދިޔަ އަހަރު އެމްޑަބްލިއުއެސްސީއަށް ފަސް އިންސައްތައިގެ ކުރިއެރުމެއް

MWSC

ކޯވިޑް-19އާ ގުޅިގެން ދިމާވި ގޮންޖެހުންތަކާ އެކުގައިވެސް، މިދިޔަ އަހަރު ސާފު ފައިދާއިން ފަސް އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބޯޑު ޑިރެކްޓަރުން ވަނީ މިދިޔަ އަހަރަކީވެސް އެ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމާށް ބުނެފައެވެ. އަދި އެ ކާމިޔާބީއާއި ކުރިއެރުން ހާސިލު ކުރެވުނީ، ކުންފުނީގެ މެނޭޖުމަންޓުން ކުންފުނި ހިންގުމުގަޔާއި ހަރަދު ކުޑަކުރުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ކުންފުނަިގެ ކުރިއެރުމަށް ކޯވިޑުގެ އުނދަގޫ ތަހައްމަލު ކުރަމުންވެސް، ކުންފުނީގެ މުވައްޒަފުން މަޑުޖެހުމެއްނެތި ހީވާގިކަމާއެކު މަސައްކަތްކޮށް އާއްމު ރައްޔިތުންނަށް މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށް އެ މުވައްޒަފުންނަށް އެ ކުންފުނީގެ ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ އިތުރުވެގެން ގޮސްފައިވާ އިރު، ކުންފުނީގެ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓުމަންޓުތައް ކުރަން ރޭވިފައިވާ ކަމަށެވެ. އަދި ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒް ކޮށް، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމު ކުރެވިފައިވާ އިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމާއި މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކު ގުޅާލުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ވަނީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑު ފެސިލިޓީތައް ހެދުމަށް ސީއެސްއާރު ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް އެ ކުންފުނިން ދަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިވަރު އަދި ކުޑަ ….
    ކަލޭމެން ބިލުފޮނުވާ އިރަކު ނުބަލާ …ހިތައް އަރާ އެއްޗެއް ޖަހާފަ ފޮނުވަނީ…ކޮވިޑުގަ ވެސް ކޮވިޑު ނޫން އިރުވެސް ދެމަފިރިން އެކަނި އުޅޭތަންތަނަށް ވެސް ހިތުހުރި ވަރަކަށް ބިލު ހަދާފަ ފޮނުވަނީ…..ގޮތެއް ނެތް ކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *