ހދ. ވައިކަރަދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުމަކީ ވައިކަރަދޫ ކައުންސިލްގެ ވިސްނުންކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ވައިކަރަދޫ ބްރާންޗާއި އަދި ވައިކަރަދޫ ކައުންސިލް ގުޅިގެން ހދ.ވައިކަރަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސޯލާޕެނަލްތައް އެ ރަށުގައި ހަރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަނދަރުގެ ތޮށިގަނޑާއި ކައިރި ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެ މަސައްކަތާއި ހަވާލުވެފައިވާ ފަރާތުން މަސައްކަތް ފެށުމާއިއެކު 13 ސެޕްޓެމްބަރ 2021 ވީ ހޯމަ ދުވަހު އެ ރަށުގެ ބައެއް ރައްޔިތުން އެ ސަރަހައްދަށް ނުކުމެ ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ ކަންބޮޑުވުން އަޑުއެހުމަށް އެތަނަށް ކައުންސިލްގެ ބައެއް މެމްބަރުން ވެސް ވަނީ ހާޒިރުވެފައެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރް ވިދާޅުވެފައި ވަނީ މިހާރު ސޯލާޕެނަލްތައް ހަރުކުރުމަށް ހަމަޖެހިފައިވާ ބިމާއި ބަނދަރާ ދޭތެރޭ ހުރި ދުރުމިނަކީ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓޫކަމަށެވެ.
އަބްދުﷲ ޒާމިރު ވިދާޅުވީ، ކައުންސިލްގެ ވިސްނުމަކީ އެ ބިން އެއަށްވުރެ އެއްގަމަށް ޖައްސައި ބަނދަރާއި ދޭތެރެއަށް ލިބޭ ޖާގަ ބޮޑުކުރުން ކަމަށެވެ. ޒާމިރް އިތުރަށް ވިދާޅުވެފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ވެސް ވިސްނުމަކީ އެއީ ކަމަށެވެ.
"ބަނދަރަކީ ތަފާތު މުދާ އުފުލައި ބަހައްޓާ އަދި ވެހިކަލް ކައިރިކޮށް ހަދާތަނަކަށް ވެފައި އެ ދޭތެރެއަށް އޮންނަ ޖާގަ ކުޑަވެއްޖެ ނަމަ ތަކުލީފުތަކެއް އުފުލަން ޖެހިދާނެކަމަށް ޤަބޫލްކުރެވޭ"
ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރް ވިދާޅުވި އެވެ.
ވުމާއިއެކު މިހާރު އެ ބިން ބަނދަރާއި ސަތޭކަވަރަކަށް ފޫޓު ހުންނަވަރަށް އެއްގަމަށް ޖައްސައި، ކޮންޓްރެކްޓާއަށް މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނޭ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!