އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލު ކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން 3-0 އިން ކާމިޔާބު ކުރިއިރު، މި މެޗުގައި ލިވަޕޫލުގެ ފޯވާޑް މުޙައްމަދު ސަލާހް ޖެހި ލަނޑާއިއެކު އޭނާ ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.
މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އާނޯލްޑް ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަލާހްއެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ލިވަޕޫލުގެ ފަބީނިއޯ ލަނޑުޖަހައި އެ ޓީމަށް ވަނީ ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގައި ލީޑްސްއަށް އިތުރު މައްސަލައާއި ކުރިމަތިވީ 60 ވަނަ މިނެޓުގައި އެ ޓީމްގެ ޕަސްކަލް ސްޓްރައިކް އަށް ރަތްކާޑް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑް ދައްކާފައި ވަނީ ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރ ހާވޭ އެލިއޮޓްއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. އެ ފައުލާއި ގުޅިގެން އެލިއޮޓްގެ ވާތުފައިގެ ކުޑަހުޅުން ވަނީ ނައްޓައިގެން ގޮސްފައެވެ.
ލީޑްސްއިން އެއް ކުޅުންތެރިޔަކު މަދުވުމާއިއެކު ލިވަޕޫލުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗު ނިމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ މަނޭއެވެ.
މި ނަތީޖާއާއިއެކު ލިވަޕޫލް މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ ތިން ވަނާގައެވެ. ދެވަނާގައި ޗެލްސީ އަދި އެއްވަނާގައި އޮތް ޔުނައިޓެޑަށް ވެސް ހަތަރު މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. މި މެޗުން ބަލިވި ލީޑްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!