އަންނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މުސާ ބޮޑުކުރަން ނިންމައިފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ސޮއިކުރަށްވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު އަފްޝަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވާގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރަ ކަނޑައަޅަން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފާގެ މަތިން އެ މިނިސްޓްރީއިން ކަމަށެވެ.
އެހެންކަމުން 01 ޖަނަވަރީ 2022 އިން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރަ ދިނުމުގައި އެ މިނިސްޓްރީ ދެއްވާފައިވާ ތާވަލާއިއެއްގޮތަށް އަމަލުކުރުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އެންގެވުމަށް އެ ސިޓީގައި ވިދާޅުވެފަވެއެވެ. މި އުޖޫރަ ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނައިގެން ދެމުންގެންދިއުމަށް އެންގެވުމަށްވެސް އެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މި ސިޓިގައި ހިމަނުއްވާފައިވާ ތާވަލްގައިވާ ގޮތުން 01 ޖަނަވަރީ 2022 އިން ފެށިގެން ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 6000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 5000 ރުފިޔާ އަދި މެންބަރަކަށް 4000 ރުފިޔާ ލިބޭނެއެވެ.
ސިޓީކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 7000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 6000 ރުފިޔާ އަދި މެންބަރަކަށް 5000 ރުފިޔާ ލިބޭނެއެވެ. މުސާރައިގެ ޖުމްލަ ހިމަނާފައިވަނީ ސިޓިންްގ އެލަވަންސް ގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް 500 ރޭޓުންނެވެ. ސިޓިން އެލަވަންސް ގެ ގޮތުގައި ގިނަވެގެން ނެގޭނީ 2000 ރުފިޔާކަމަށް ބުނެފައިވެއެވެ.
މިހާރު އެ ކޮމިޓީގެ މެމްބަރުންނަށް ލިބެމުން އަންނަނީ 3000 ރުފިޔާގެ މުސާރައެކެވެ.
އަންނަ އަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކުރިން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!