މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަށް ކެތް ނުކުރެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު މުޙައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ތަރައްގީއާއި ތަމައްދުން އެންމެ ރަނގަޅަށް ގެނެސްދިން ދައުރު ކަމަށެވެ. އަދި ރާއްޖޭގެ ދީނާއި، ގައުމިއްޔަތާއި އެންމެ މުހިންމު އަސާސްތައް ހިފެހެއްޓީ އެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް ހެޔޮ ވެރިކަން ކުރެއްވި ވެރިއަކާމެދު މިހާރު އޮތް ކޯލިޝަން ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ކެތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ ރައީސް ޔާމީނަށް އިންސާފް ހޯދައިދިނުމަށްޓަކައި ތިޔަބޭފުޅުންނާއެކު އަޅުގަނޑުމެން މިކުރަނީ ވަރަށް ބުރަ މަސައްކަތެއް" މުޙައްމަދު ވިދާޅުވިއެވެ.

ވެރިކަންތައް ބަދަލުވެ، އެވެރިކަންތަކުގައި ހިނގާ ދިޔަ ކަންކަން ބެލެމުންދާ ދުވަސްވަރެއްވެސް ދިޔަ ކަމަށާއި، 30 އަހަރެއްގެ ދިގު ވެރިކަމުގައި ހިނގާދިޔަ ބޮޑެތި ވައްކަންތައް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ 30 އަހަރުގެ ތެރޭގައި މުއްސަނދިވީ ކޮންބައެއްކަމާއި، އެމީހުން މިއަދު ތިބީ ކޮންތާކުގައި ކަމާއި، އެމީހުން މިއަދު ކުރަނީ ކޮން މަސައްކަތެއްކަންވެސް ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ތާރީޚްގައި ނުހިނގާވަރުގެ ބޮޑު ކަރަޕްސަންގެ މައްސަލައެއްގެގޮތުގައ އެފްޕީއައިޑީގެ ވައްކަން ވެސް ހިނގީ ދިގު 30 އަހަރުގެ ވެރިކަމުގައި ކަމަށާއި، ނަމަވެސް އެކަންކަން ހިންގި މީހުންނާ ގާނޫނު އަރާ ހަމަ ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.