އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި އާސެންލް، އެ ޓީމްތައް ކުޅުނު މެޗުތަކުން ހަނިގޮތަކަށް މޮޅު ވެއްޖެއެވެ.
މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމްއަތުން ބަލިވި ނަމަވެސް ލީގުގައި ސިޓީން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް މި ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑް ކުޅުންތެރިޔާ ބާނާޑޯ ސިލްވާއެވެ.
ލީގުގައި މޮޅެއް ނުލިބުމުގެ ސަބަބުން ޕްރެޝަރަށް ވެއްޓިފައި އޮތް އާސެނަލް ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައި އެ ޓީމަށް އޮތް ޕްރެޝާ ވަނީ ކުޑަކޮށްފައެވެ.
އާސެނަލް ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އެ މެޗުތަކުން އާސެނަލްއަށް ލަނޑެއް ވެސް ކާމިޔާބު ކުރެވިފައި ނުވުމުން އެ ޓީމްގެ ކޯޗް އާޓޭޓާއަށް ވެސް އޮތީ ޕްރެޝާ ބޮޑުވެފައެވެ. މި މެޗަށް ނުކުތްއިރު އެ ޓީމް އޮތީވެސް ލީގުގެ އެންމެ ފުލުގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ނޯވިޗާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ނިކޮލަސް ޕެޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އައުބަމެޔަންއެވެ.
މި ނަތީޖާތަކާއިއެކު މެންޗެސްޓާ ސިޓީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓެވެ. ސިޓީ އަތުން ބަލިވި ލެސްޓާ މިވަގުތު އޮތީ ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ނުވަވަނާގައެވެ. އާސެނަލް މިވަގުތު ސޯޅަ ވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އާސެނަލްއަތުން ބަލިވި ނޯވިޗް އޮތީ ތާވަލުގެ ފުލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!