މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.
އެޕާޓީން ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެ ޕާޓީން އާންމުކުރި މި ލިސްޓަކީ މި އަހަރުގެ މޭ މަހު އިންތިހާބު ބޭއްވުމަށް ޓަކާ އޭޕްރިލް މަހު އާންމުކުރި ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބަލާ އިސްލާހުކޮށްފައިވާ ލިސްޓެކެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީން ބޭނުންކުރަނީ 93،000ށް ވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީގެ އެތެރޭގެ ދަފްތަރެވެ.
އޭގެ ތެރޭގައި އެލެކްޝަންސް ކޮމިޝަންގެ ޕާޓީގެ ދަފްތަރާ ފުށު އަރާ މެމްބަރުން ތިބެދާނެ ކަން ފާހަގަކޮށް، މެމްބަރަކު އެހެން ޕާޓީއެއްގައި ހިމެނޭކަމުގެ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ބަލާނެ ކަމަށާއި، އެކަން އެހެން އޮތް ނަމަ އެ މެމްބަރަކަށް ވޯޓު ނުލެވޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީގެ މި އިންތިހާބުގައި 700ށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، 455 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބަކީ މި އަހަރުގެ މެއި މަހު ބާއްވަން ތާވަލްކުރި އިންތިހާބެއް ނަމަވެސް އިންތިހާބު ފަސްކުރީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!