އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ކުޅުނު މެޗުތައް އެ ޓީމްތަކުން ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ތަރިއަކަށްވީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައި ދިނުމަށްފަހު އެ ޓީމް ދޫކޮށްލުމަށްފަހު 12 އަހަރު ފަހުން އެނބުރި ކުރީގެ ކުލަބާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ޔުނައިޓެޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑްގެ ގްރީންވުޑް ފޮނުވާލި ބާރު ހަމަލާ ނިއުކާސަލްގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ނިއުކާސަލްގެ މަންކީލޯ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް 62 ވަނަ މިނެޓުގައި ލުކާ ޝޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ ވަނީ ލަނޑުޖަހައި މެޗުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒްގެ ހިތްގައިމު ލަނޑުން ޔުނައިޓެޑުން ވަނީ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ޔުނައިޓޭޑުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިންގާޑެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ އެސްޓަންވިލާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

މި މެޗުގެ ކުރީކޮޅު ޗެލްސީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 15 ވަނަ މިނެޓުގައި މަޓެއޯ ކޮވެސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.

މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކޮވެސިޗް ކާމިޔާބު ކޮށްދިންއިރު، އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އަޒްޕިލްކުއޭޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ޔުނައިޓެޑް އޮތީ އެއްވަނާގައެވެ. ދެވަނާގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޗެލްސީއޮތްއިރު، ޗެލްސީއަތުން ބަލިވި އެސްޓަންވިލާ އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު 12 ވަނާގައެވެ. ޔުނައިޓެޑް އަތުން ބަލިވި ނިއުކާސަލް އޮތީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު 19 ވަނާގައެވެ.