ފީފާ ވޯލްޑް ކަޕަށް ކޮލިފަންގައި ދެކުނު އެމެރިކާ ބައްރުގައި ކުޅޭ ކޮލިފިކޭޝަނުގައި ބްރެޒިލްއާއި ޕެރޫ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މޮޅުވުމުގެ ރެކޯޑް ބްރެޒިލުން ދަމަހައްޓައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގައި ބްރެޒިލް މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު އެ ޓީމް ވަނީ އެ ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ. މި ނަތީޖާތަކާއިއެކު ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ބުރުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް އޮތީ އަށް މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އަށް މެޗުން 18 ޕޮއިންޓް ހޯދައިގެން އާޖެންޓީނާ އޮތްއިރު ތިންވަނާގައި އޮތީ ނުވަ މެޗުން ލިބުނު 15 ޕޮއިންޓާއިއެކު އުރުގުއޭއެވެ.
މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރިބެއިރޯއެވެ. ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ނޭމާއެވެ.
މި ފަހުން ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި އާޖެންޓީނާއާއި ބްރެޒިލް ބައްދަލުކުރި މެޗު ހުއްޓާލަން ޖެހުނީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިޔަކު ބްރެޒިލްގެ ކަރަންޓީން އުސޫލާއި ހިލާފް ވުމުންނެވެ. ކަރަންޓީން އުސޫލާއި ހިލާފްވެފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ހަތަރު ކުޅުންތެރިންނަށް ވުމުން ބްރެޒިލް ރޭ ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ޕްރިމިއާ ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިޔަކު ހިމަނާފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!