ހއ. މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާރަންދޫ އަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހައްޓާނެއެވެ. އަދި، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
މާރަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.03 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިޔުއެސްސީންނެވެ.
މިއީ 72.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!