ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރ އަތޮޅަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު އެ އަތޮޅުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ވާދޫ އަށެވެ. ވާދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އެ ރަށު ކައުންސިލާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅާއި، ރ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ފުނަދޫ އަށެވެ. ށ. އަތޮޅުން ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫ އަށް ވަޑައިގެންފައިވާއިރު، ރ. ވާދޫ އަށް ފަހު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަލިފުށި، ރަސްގެތީމު އަދި އަނގޮޅިތީމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަށްތަކުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!