މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާޢަތަށްވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރު ށ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން މިއަދު ހެނދުނު ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ މާކެޓްކުރުމުގެ ދަތިކަންކަމަށެވެ. އެދަތިކަން ޙައްލުކުރުމާއި ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެގްރޯނެޓް އެހީތެރިކަން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަންކަން ޙައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން، އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ޚަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްގަންނަ ޕްރައިވެޓް ފަރާތްތަކާވެސް މަޝްވަރާކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން މަސްވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މި ހުރިހާ މަސައްކަތްތަކާއެކު މަހުގެ އަގަށް ހެޔޮބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިން ވަނީ އެފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެރަށުގެ މަސްވެރިންނަށް އައިސް ޕްލާންޓެއް އެރަށުގައި ޤާއިމުކުރުމަށް މަސްވެރިން އެދުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!