ދިވެހި ރާއްޖޭގެ ޝަރުއީދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނި ސަރުކާރުގެ ނުފޫޒެއްނެތި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވާއްޓާލާ، ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް އެ ޕާޓީން ކުށްވެރިކުރާކަމަށެވެ.
އަދި އެ ޕާޓީގެ ނަޒަރުގައި ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ ޢަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތައް ހުއްޓި ކުރިއަށް އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި މި ރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފަވެއެވެ.
މީގެ އިތުރުން، އެތައް ފަހަރަކު ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށް، އަދުލުއިންސާފުގެ ދާއިރާ މިނިވަން ކުރުމަށް އަދުގެ ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ ޢަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށްވެސް އެ ޕާޓީން ބުނެފަވެއެވެ.
" ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް ހާމަކަން ބޮޑުގޮތެއްގައި، އެއްވެސް ހަމައެއްލަމައެއް ނެތި ރާއްޖޭގެ ސުޕުރީމް ކޯޓާއި އެންމެހާ ޝަރުޢީ ކޯޓުތައް ހިމެނޭހެން ޝަރުޢީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި، ޤާނޫނު ހަދާ މަޖިލީހާއި، ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ތަކުރާރުކޮށް ގާނޫނާ ޚިލާފުވި ވެރިކަމެއް ބަދަލުކޮށް އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ ޢަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެއް "
އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފަވެއެވެ.
އަދި ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫންކަމުގައިވެސް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން، އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އެ ޕާޓީން ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.
އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެފައި މިވަނީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ބޮލުގައި ރައީސް ޔާމީނުގެ ޝަރީއަތައް ނުފޫޒުފޯރުވި ކަމުގެ ތުހުމަތު އަޅުވާފާވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!