ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގައި ނެދަލެންޑްސްއާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ޖީގައި ނެދަލެންޑްސްއާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ނެދަލެންޑްސްއެވެ.

Ad
rt

ނެދަލެންޑްސްގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން 72 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާ ކޮށްފައިވާއިރު އެ ޓީމުން ވަނީ މޮންޓެނީގްރޯގެ ގޯލާއި އަމާޒުކޮށް ބާރަ ހަމަލާއެއް ފޮނުވާލާފައެވެ. މޮންޓެނީގްރޯއަށް ނެދަލެންޑްސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި ނެދަލެންޑްސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ މެންސިފް ޑިޕޭއެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާގައި އޮވެގެންނެވެ.

މެޗުގެ ނެދަލެންޑްސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި ކޯޑީ ގަޕޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެންފިސް ޑިޕޭއެވެ. މިއީ ޑިޕޭ ނެދަލެންޑްސްގެ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން 30 ވަނަ ލަނޑެވެ.

މެޗުގައި ނެދަލެންޑްސްއިން ލީޑު އިތުރަށް ފުޅާކޮށްފައި ވަނީ 70 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ވައިނަލްޑަމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަޕޯއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ޖީގައި ތުރުކީއާއި ގިބްރާލްޓާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ތުރުކީ ކާމިޔާބު ކޮށްފައިވާއިރު، މި ގްރޫޕުގައި ނޯވޭއާއި ލެޓްވިއާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޯވޭއެވެ.

މި ގްރޫޕްގެ އެއްވަނާގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއިއެކު ތުރުކީ އޮތްއިރު ދެވަނާގައި ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއިއެކު އޮތީ ނެދަލެންޑްސްއެވެ. ތިންވަނާގައި ފަސްމެޗުން ލިބުނު 10 ޕޮއިންޓާއި އެކު އޮތީ ނޯވޭއެވެ.